ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދެމުން އަންނަ ތޫފާން ނިވާރްގެ ބާރު ގަދަވެ، ތުފާނެއްގެ ދަރަޖައަށް ބަދަލުވެ، އަވަށްޓެރި އިންޑިއާގެ ޓެމިލް ނާޑޫ ސަރަހައްދަށް މިއަދު ގަދައަށް ވިއްސާރަ ކުރަން ފަށާނެ ކަމުގެ އިންޒާރު، އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން ދީފިއެވެ.
އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށްވެސް ތޫފާން ނިވާރްގެ އަސަރު މިއަދު ކުރަން ފަށާނެ ކަމަށް އައިއެމްޑީއިން ވަނީ ދީފައެވެ. ޓެމިލް ނާޑޫގެ ވެރިރަށް ޗެންނާއީ އާއި އަދިވެސް އިތުރު ޑިސްޓްރިކްޓްތަކަކަށް މިއަދު ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކޮށްފައި ވާއިރު، އެ ސްޓޭޓް އިދާރީ ހިދުމަތްތަކާ ބެހޭ ބައިން ވަނީ، ބިންތިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ބޯ ވިއްސާރައިގެ ތެރޭގައި ބޭރަށް ނިކުމެ ނުއުޅުމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.
ޕޮންޑިޗެރީއާއި ކަރައިކަލް ސަރަހައްދަށްވެސް މިއަދު ވިއްސާރަ ކުރަން ފަށާނެ ކަމަށް ލަފާކޮށްފައި ވާއިރު، މިއަދު ހަވީރުން ފެށިގެން ވިޔަފާރިތައް ބަންދު ކުރުމަށްވެސް ކަމާ ބެހޭ ފަރާތުން ވަނީ އިރުޝާދު ދީފައެވެ. އަދި ނޮވެމްބަރު 23-25 އަށް، މަސްވެރިން މަހަށް ނުދިއުމަށްވެސް ވަނީ އަންގާފައެވެ.
ބޭ އޮފް ބެންގޯލް ސަރަހައްދުގައި ބާރުގަދަ ވަމުން އަންނަ ތޫފާން ނިވާރް، އިންޑިއާގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދުތަކަށް އަރާނެ ކަމަށް ލަފާ ކޮށްފައި ވަނީ، ބުދަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ތޫފާން ނިވާރަކީ، މި ސަރަހައްދުގައި މި އަހަރު އުފެދުނު 2 ވަނަ އަށް އެންމެ ވަރުގަދަ ތޫފާން ކަމަށް ލަފާ ކުރެވެއެވެ.
ތޫފާން ނިވާރްއާއެކު އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ރެޑް އެލާޓް އަދި އަނެއް ބައި ސަރަހައްދުތަކަށް އޮރެންޖު އެލާޓްވެސް ވަނީ ނެރެފައެވެ.
ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ޑިޕްރެޝަން ނުވަތަ އުފެދެމުން އަންނަ ތޫފާން ނިވާރްގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެއެވެ. މެޓް އޮފީހުގެ އޮފިޝަލަކި ދަ ޕްރެސްއަށް ވިދާޅުވީ، ސީދާ އަސަރު ނުކުރި ކަމުގައި ވީ ނަމަވެސް، އޭގެ ނުސީދާ އަސަރު ބުދަ ދުވަހު ރާއްޖެއަށް ކުރާނެ ކަމަށެވެ.
ތޫފާން ނިވާރްގެ ބާރުގަދަ ވަމުން ގޮސް، ގަޑިއަކު 100-110 ކިލޯމީޓަރާ ދެމެދު، އަދި ކޮޅިގަނޑުގައި ގަޑިއަކު 120 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހުން އެކަށީގެން ވާ ކަމަށްވެސް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ. ތޫފާން ނިވާރް އުފެދެމުން ދަނީ ޕޮންޑިޗެރީގެ 550 ކިލޯމީޓަރު އިރު-އިރުދެކުނުން އަދި ޗެންނާއީގެ 590 ކިލޯމީޓަރު ބޭރުންނެވެ.