ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދުނު ވަރުގަދަ ތޫފާން ނިވާރް، އަވަށްޓެރި އިންޑިއާގެ ދެކުނު އައްސޭރި ފަށުގެ ސަރަހައްދަށް އަރައިފިއެވެ.

ތޫފާން ނިވާރް، ޓެމިލްނާޑޫއާއި ޕޮންޑިޗެރީއާ ގާތުން އިންޑިއާއަށް އަރާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް، އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ހަބަރުދެއެވެ.

މިއަދު ހެނދުނު (އިންޑިއާ ގަޑިން) 08:00 ޖެހުމާ ހިސާބަށް، 304 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. ތޫފާނުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތައް މިހާރު ވަނީ ފެނު އަޑީގައެވެ.

ތޫފާނުގެ އަސަރުކޮށް، ހާލުގައި ޖެހިފައި ވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޓެމިލް ނާޑޫގައި ވަނި ފަށާފައެވެ.

ތޫފާނުގެ ބާރުގަދަ ވަމުން ދިއުމުގެ ސަބަބުން ރޭ 07:00 ގައި ޗެންނާއީ އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓާލި ގޮތަށް މިއަދު ހެނދުނު 09:00 ގެ ނިޔަލަށް އެއާޕޯޓް ބަންދު ކޮށްފައި ބޭއްވުމަށް މިހާރު ވަނީ މުހުލަތު އިތުރު ކޮށްފައެވެ.

ކޮޅިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 120 ކިލޯމީޓަރާއި 130 ކިލޯމީޓަރާ ދެމެދު ބާރު މިނެއްގައި ވައިޖެހެމުން ދިޔަ މި ތޫފާނުގެ ބާރު މިހާރު ކެނޑެން ފަށާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ތޫފާން ނިވާރްގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ. މުދަލާއި ތަކެއްޗަށް ލުބުނު ގެއްލުންތަކުގެ މާ ބޮޑު ތަފްސީލެއްވެސް އަދި ނުލިބެއެވެ.