ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ވަރުގަދަ ތޫފާން "ނިވާރް"، އަދިވެސް އިތުރަށް ބާރުގަދަ ވަމުން ދާތީ، އަވަށްޓެރި އިންޑިއާއިން ވައިގެ އުދުހުންތައް މެދުކަނޑާލަން ނިންމައިފިއެވެ.
ތޫފާން ނިވާރް އިތުރަށް ބާރުގަދަވެ، ކުރިއަށް އޮތް މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ޓެމިލްނާޑޫއާއި ޕޮންޑިޗެރީއާ ދެމެދު މި ތޫފާން ދަތުރު ކުރާއިރު، ތޫފާނުގެ ކޮޅިގަނޑު ވިހެނުލާ 6 ގަޑިއެއްހާއިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ އިންޒާރު ކޮށްފައެވެ. މި ތޫފާން އިންޑިއާއަށް އަރާނެ ކަމަށް މިހާރު ލަފާ ކުރަނީ މިރޭ ދަންވަރުގެ ވަގުތެއްގައެވެ.
ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، އިންޑިއާ ގަޑިން މިރޭ 07:00 އިން ފެށިގެން، މާދަމާ ހެނދުނު 07:00 އަށް، ޗެންނާއީ އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލާނެކަން ވަނީ އިއުލާން ކޮށްފައެވެ.
އިންޑިއާ ގަޑިން މިއަދު ހަވީރު 05:20 ހިނގިއިރު، ތުފާން ނިވާރް ދަތުރު ކުރަމުން ދިޔައީ ޕޮންޑިޗެރީގެ އިރު-ދެކުނު އިރުން 150 ކިލޯމީޓަރު ބޭރުން އަދި ޗެންނާއީ ހުޅަނގު-އިރުން 220 ކިލޯމީޓަރު ބޭރުންނެވެ. ގަޑިއަކު 11 ކިލޯމީޓަރު ބާރު މިނުގައި ދަތުރު ކުރަމުން ދިޔަ ތޫފާން ނިވާރް މިހާރު ދަތުރު ކުރަމުން ދަނީ ގަޑިއިރު 16 ކިލޯމީޓަރު ބާރުމިނުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ތޫފާނަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާއިން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ. އެގޮތުން، ބިންތިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން، ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައި ވާ ކަމަށް ހަވަރު ލިބެއެވެ. ޓެމިލް ނާޑޫގެ ސަރަހައްދީ ސަރުކާރުން ވަނީ މާދަމައަކީ އާންމު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާފައެވެ.
ތޫފާން ނިވާރް އާ ގުޅިގެން އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކަށް މިހާރުވެސް ވިއްސާރަ ކުރަމުން ދާކަމަށް ހަބަރު ލިބެއެވެ. ތޫފާން ނިވާރްގެ ނުސީދާ އަސަރު، ރާއްޖެއަށް ކުރުން އެކަށީގެންވާކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިޝާރާތް ކޮށްފައެވެ.