ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ޑިޕްރެޝަން "ބުރެވި"، ތޫފާނަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު، އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ދިނުމާއެކު، ކެރަލާ ސްޓޭޓްގެ އައްސޭރިފަށުގެ ސަރަހައްދު އެލާޓަށް ގެނެސްފިއެވެ.

ޑިޕްރެޝަނެއްގެ ގޮތުގައި މިވަގުތު އޮތް ނަމަވެސް، ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ދިނުމާއެކު ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާޔީ ވިޖާޔަން ވަނީ، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކަށް ތައްޔާރު ވުމަށް، އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއާއި، ކޯސްޓްގާޑުގެ އިތުރުން ވައިގެ އަސްކަރީ ފްލީޓުގައި އެދިވަޑައިގެންފައެވެ.

އިންޑިއާގެ އައްސޭރި ފަށުގެ ސަރަހައްދެއް / ފައިލް ފޮޓޯ: ބެންގަލޯ މިރާ

ލިބެމުން ދާ މައުލޫމާތަށް ބަލާއިރު، ތޫފާން ބުރެވި، ސްރީލަންކާއަށްވެސް އަރާނެއެވެ. އެގޮތުން، ބުދަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި، ސްރީލަންކާގެ އައްސޭރި ފަށުގެ ސަރަހައްދަށް އެރުމަށްފަހު، އިންޑިއާއަށް މި ތުފާން އަރާނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށް ލަފާ ކުރެވެއެވެ.

ޑިސެމްބަރު 2 ވަނަ ދުވަހާއި 3 ވަނަ ދުވަހު، ޓެމިލް ނާޑޫގެ ސަރަހައްދުތަކަށް ގަދައަށް ވިއްސާރަ ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކެރެލާގެ ދެކުނުގެ ސަރަހައްދުން، ތިރިވަނަންތަޕޫރަމްއާއި ކޯލަމްއަށް ޑިސެމްބަރު 3 ވަނަ ދުވަހު ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

ތޫފާން ބުރެވީގެ ނުރައްކާ، އިންޑިއާއާއި ސްރީލަންކާއަށް ކުރިމަތިވެފައި ވާއިރު، މި ތޫފާނުގެ ކޮޅިގަނޑުގައި، ގަޑިއަކު 55-75 ކިލޯމީޓަރު ބާރު މިނުގައި، ކުރިއަށް އޮތް 2 ދުވަހު ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މިއާއެކު، ހަފުތާ ނިމެންދެން، މަސްވެރިން، މަހަށް ނުގޮސް މަޑު ކުރުމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

އިންޑިއާގެ ޓެމިލް ނާޑޫ ސަރަހައްދަށް އަނެއްކާވެސް ތޫފާނެއް ކުރިމަތިވެފައި މިވަނީ، ތޫފާން ނިވާރް ކުރިމަތިވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި ތޫފާނުގައި 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ތޫފާންތަކަށް ނަންދެނީ ސަރަހައްދީ މޫސުމާ ބެހޭ އިދާރާ (އާރްއެމްސީ)ތަކުންނާއި ޓްރޮޕިކަލް ސައިކްލީން ވޯނިންގް ސެންޓަރުތަކުންނެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދޭ ތޫފާންތަކަށް ނަންދިނުމަށް ހާއްސަ އާރްއެމްސީއެއްވެސް އޮވެއެވެ. މި ގުރޫޕުގައި 8 ގައުމެއް ހިމެނޭއިރު، ރާއްޖެވެސް އޮންނަނީ މި ލިސްޓުގައެވެ.

ތޫފާންތަކަށް ނަންދިނުމަށް ގުރޫޕުގެ މެމްބަރު ގައުމުތަކުން ދީފައިވާ ނަންތައް ވަކި އުސޫލަކުން، ތޫފާންތަކަށް ކަނޑައެޅެއެވެ. އެގޮތުން، ބޭ އޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ޑިޕްރެޝަން، ތޫފާނަކަށް ބަދަލުވަމުން އަންނަ ތޫފާނަށް ދީފައިވާ "ބުރެވި" މި ނަމަކީ ދިވެހި ރާއްޖެއިން ދިން ނަމެއް ކަން ފާހަގަ ކުރަންޖެހެއެވެ.