އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން އުފުލި 32 ދައުވާއަށް އިއުތިރާފުވާން އެއްބަސްވުމާއެކު އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފު މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
ޒިޔަތު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައަކީ، ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ކްރިމިނަލް ކޯޓުން ޒިޔަތަށް އިއްވި ހުކުމް ހައިކޯޓުން ވެސް އިސްތިއުނާފު ކުރުމާ ގުޅިގެން ހުށަހެޅި މައްސަލައެވެ. ކްރިމިނަލް ކޯޓުން ޒިޔަތަށް އިއްވީ 8 އަހަރުގެ ހުކުމެކެވެ.
މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލައިގެން އިޖުރާއީ އަޑުއެހުމުގައި ޒިޔަތު ވިދާޅުވީ، މިހާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އެއްބާރުލުން ދިނުމާއި ކުށްތަކަށް އިއުތިރާފް ވުމުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ އަނބުރާ ގެންދިއުމަށް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.
ޒިޔަތު ވިދާޅުވީ ޕީޖީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އެއްވެސް މަޖުބޫރުކަމެއް އަދި ނުފޫޒެއް ވެސް އޮވެގެން ނޫން ކަމަށެވެ. މި މައްސަލަ އަނބުރާ ގެންދިޔުމަށް ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށް ވިދާޅުވެ ދައުލަތުގެ ވަކީލު ވަނީ ޒިޔަތާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ކިޔައިދެއްވާފައެވެ.
ވަކީލު ވިދާޅުވީ، ޒިޔަތާއެކު ހެދި އެއްބަސްވުމުގެ ދަށުން ޒިޔަތާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 32 ދައުވާއަށް ވެސް އޭނާ އިއުތިރާފުވާން ބޭނުންވާ ކަމަށެވެ. އަދި އެ 32 މައްސަލައަކީ ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަތަކަށް ވެފައި، ސުޕްރީމް ކޯޓުގައި ހިނގާ މާބިންހުރާ މައްސަލައަކީ ވެސް އެ ހިޔާނާތުގެ މައްސަލައަކަށް ވާއިރު، ކްރިމިނަލް ކޯޓުގައި ހިނގާ މައްސަލަތަކަށް އިއުތިރާފު ވުމަށްފަހު ސުޕްރީމް ކޯޓުގައި އެ މައްސަލައަށް އިންކާރު ކުރުމަކީ އަރައިރުންވާ ފަދަ ކަމެއް ކަމަށެވެ.