އަލުން އަނބުރާ އެމެރިކާއަށް އާދެވުމަކީ "ލުއި ލިއްބައިދެނިވި ފޮނި އިހުސާސެއް" ކުރުވަނިވި ކަމެއް ކަމަށް، ހައްދު ފަހަނަ އަޅާފައި ވާ ހަތިޔާރުއެޅި، ހަނގުރާމަވެރި، ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ވީޑިއޯއެއްގައި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އިންޒާރު ދިނުމަށް ބައިވެރިވި ކުރުވި ކުޑަ ފިރިހެން ކުއްޖާ ބުނެފިއެވެ.

މެތިއުގެ ނަމުން މީޑިއާއިން މުހާރަބު ކުރަމުން އަންނަ މި ކުޑަ، ފިރިހެން ކުއްޖާ ސޫރިއާއަށް ގެންދިޔައީ އޭނާގެ މަންމައާއި ދޮންބައްޕައެވެ. އަދި އެމެރިކާގެ ފަސްގަނޑުގައި ވަރުގަދަ ކުރިމަތިލުމަކަށް ތައްޔާރު ވުމަށް ޓްރަމްޕަށް އިންޒާރު ދޭ ވީޑިއޯ މެތިއުލައްވާ ކުޅުވީ، އޭނާގެ އުމުރުން އެންމެ 10 އަހަރުގައެވެ.

އައިސިސްއާއި ދެކޮޅަށް އެމެރިކާގެ އެއްބާރުލުމާއިއެކު ސޫރިޔާގައި ހަނގުރާމަކުރަމުންދާ އެސް.ޑީ.އެފްގެ ހަނގުރާމަވެރިން/ފޮޓޯ: ފޮރިން ޕޮލިސީ

އެމެރިކާގެ އަސްކަރިއްޔާގެ އެހީގައި، 2018 ވަނަ އަހަރު އަލުން އަނބުރާ އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރި މެތިއު، އޭނާގެ ބައްޕައާއެކު ދިރިއުޅެމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ.

"އެއީ ވެ ނިމިފަ އޮތް ކަމެއް. އެއީ އަހަރެންގެ މާޒީ. އޭރު އަހަރެން ވަރަށް ކުޑަ. އެވީ ކަންތައްތައް ރަނގަޅަށް ފަހުމްވެސް ނުވޭ" މެތިއު ބުންޏެވެ.

ޅަ އުމުރެއްގައި ކުރިމަތިލާން ޖެހުނު ބޮޑު ކާރިސާގެ އަނިޔާތަކުން އަރައިގަތުމަށް، މެތިއު ވަނީ ކައުންސިލިންގްވެސް ހޯދާފައެވެ.

ސޫރިޔާއަށް މެތިއު ގެންދިޔަ ދޮންބައްޕަ، މޫސާ އަލްހަސާނީ ވަނީ، 2017 ވަނަ އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު، ޑްރޯން ހަމަލާއެއްގައި މަރުވެފައި ކަމަށް ބެލެވެއެވެ. އޭނާގެ މަންމަ، ސަމޭންތާ ސެލީއާ ދެކޮޅަށް، ޓެރަރިޒަމަށް ފަންޑު ކުރުމުގެ ކުށް ސާބިތުކޮށް، 6 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވީ މިމަހުގެ ކުރީކޮޅުގައެވެ.

މެތިއުގެ މަންމައާއި ދޮންބައްޕަ، އޭނާ ގޮވައިގެން އައިސިސްގެ ސަރަހައްދީ އިން ހުރަސް ކުރީ 2015 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.

ސޫރިޔާގައި އެންމެ ފަހުން އައިސިސްއިން ކޮންޓްރޯލް ކުރި ބާޣޫޒްއޭ ކިއުނު ސަރަހައްދު/ފޮޓޯ: ރޮއިޓާޒް

"ވަރަށް އަނދިރި ތަނެއްގައި ދުވިން. އެއީ ރޭގަނޑުގެ ވަގުތު. ނަރުދާ ޖަހާފަ ހުރި ތަންތަންވެސް ދުށިން. އޭރު ބޮލުގަ ނެތް މާ ބޮޑު އެއްޗެއް. ވިސްނިފަ އޮތް ހާ ވެސް ކަމަކީ، ދުވަން މަޖުބޫރުވާކަން" އެމެރިކާގެ ޕަބްލިކް ސާވިސް ބްރޯޑްކާސްޓާ ޕީބީއެސްގެ ފްރަންޓްލައިންއާއި، ބީބީސީގެ ޕެނަރޯމާއަށް ފުރަތަމަ ފަހަރަށް މި ވާހަކަތައް ކިޔައިދެމުން މެތިއު ބުންޏެވެ.

ސޫރިއާގައި އައިސިސް އިން ކޮންޓްރޯލް ކުރަމުން ދިޔަ ރައްގާއަށް ދެވުމުން އަލްހަސާނީ ފޮނުވާލީ އަސްކަރީ ތަމްރީނަށެވެ. އައިސިސްގެ ސްނައިޕަރަކަށް ވުމަށެވެ.

އުމުރުން އޭރު އެންމެ 8 އަހަރުގެ މެތިއު ދިޔައީ، އޭނާގެ ދިރިއުޅުމަށް އައި ބޮޑޫ ބަދަލު ހަޖަމް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

"ރައްގާއަށް ފުރަތަމަ ގޮސް، އުޅުނީ ސިޓީ ތެރޭގަ. ވަރަށް އަޑުގަދަ ތަނެއް އެއީ. ބަޑީގެ އަޑަކީ އާންމު އަޑެއް. އިރު އިރުކޮޅުން ކޮންމެވެސް އެއްޗެއް ގޮވާ އަޑު އިވޭނެ ދުރުން، އެހެންވެ މާ ބޮޑަކަށް ހާހެއް ނުވޭ" މެތިއު ކިޔައިދެމުން ދިޔައެވެ.

2017 ވަނަ އަހަރު މަސްރަހު ބަދަލުވެއްޖެއެވެ. މާލީ ދަތިކަން ކުރިމަތިވެ، މެތިއުގެ މަންމަ، އޭނާގެ އާއިލާ މެމްބަރަކަށް ސިޓީއެއް ފޮނުވިއެވެ. އެތަނުން ސަލާމަތް ވުމަށް މާލީ އެހީ ހޯދުމަށެވެ. އަދި މެތިއުގެ، ބަލަން މާ ފަސޭހަ ނޫން މަންޒަރުތަކެއް އެކުލެވޭ ވީޑީއޯތަކެއްވެސް ފޮނުވިއެވެ.

މިތަނުން އެއް ވީޑިއޯގައި ފެންނަނީ، އެއްޗެއް ގޮއްވާލައިގެން އަމިއްލައަށް މަރުވާ މީހުން ބޭނުން ކުރާ ޒާތުގެ ޖެކެޓެއް، މެތިއު ލައްވާ، އޭނާގެ ދޮންބައްޕަ ތައްޔާރު ކުރުވުމާ މަންޒަރެވެ. އަދި އޭނާ ސަލާމަތް ކުރަން އަންނަ އެމެރިކާގެ ރެސްކިއު ޓީމަށް "މަރުހަބާ" ކިއުމަށްފަހު އެ އެންމެން މަރާލާނެ ގޮތް، މެތިއު ލައްވާ، އޭނާގެ ދޮންބައްޕަ 'ރޯލްޕްލޭ' އުސޫލުން ކުޅުވައެވެ.

އަނެއް ވީޑިއޯއެއްގައި ފެންނަނީ ވަޒަން ލައްވާ، ތައްޔާރު ކޮށްފައިވާ އޭކޭ-47 ބަޑިއެއް ރޫޅާލާ މަންޒަރެވެ. މިކަންވެސް މެތިއު ކުރަނީ އޭނާގެ ދޮންބައްޕަގެ އަމުރަށެވެ. މި ކަން އޭނާ ކުރަންޖެހޭ މިނެޓަކަށް ވުރެ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ.

ސޫރިޔާގެ ސަރުކާރަށް އެއްބާރުލުންދޭ އަސްކަރިއްޔާއިން އިދްލީބަށް ހަމަލާދީ އިމާރާތްތައް ސުންނާފަތިކޮށްފައިވާއިރު އާންމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ/ފޮޓޯ: އަނަދޯލޫ އޭޖެންސީ

އެމެރިކާ އިސްވެ އޮވެ ސޫރިއާގައި ވަރުގަދަ ކުރި އޮޕަރޭޝަންގައި ރައްގާއަށް ދިން ވައިގެ ހަމަލާއެއް އަމާޒުވީ މެތިއުގެ އަވަށްޓެރިއެއްގެ ގެއަށެވެ. އެ ގެވެއްޓުނީ މެތިއުގެ ގެ މައްޗަށެވެ.

2017 ވަނަ އަހަރުގެ އޯގަސްޓް މަހާ ހިސާބަށް އާދެވުނުއިރު ރައްގާ ސުންނާފަތި ވެއްޖެއެވެ. ނަމަވެސް އައިސިސް އިން ދިޔައީ ބަލި ގަބޫލު ކުރުމަށް އިންކާރު ކުރަމުންނެވެ. އަދި ދިފާއުގައި، މެތިއު ލައްވާ ވީޑިއޯއެއް ކުޅުވިއެވެ. އަދި އޭނާ ކިޔަންވީ އެއްޗިހި ހިތު ދަސްކޮށްދިނެވެ. މި ވީޑިއޯގައި މެތިއު ވަނީ، ނަސްރު އޮތީ އައިސިސް އަށް ކަމަށާ، މި ހަނގުރާމައަކީ ރައްގާ ނުވަތަ މޫސަލްގައި ނިމޭނެ ހަނގުރާމައެއް ނޫން ކަމަށާ، އެމެރިކާގެ ފަސްގަނޑުގައި ހަނގުރާމަ ކުރުމަށް ތައްޔާރު ވުމަށް ޓްރަމްޕަށް އިންޒާރު ކޮށްފައެވެ.

މެތިއު ބުނި ގޮތުގައި ވީޑިއޯ ކުޅުން ނޫން ގޮތެއް އޭނާއަށް ނެތުނީއެވެ. ދޮންބައްޕަގެ ރުޅިއަށް ބިރުންނެވެ. މެތިއު ބުނާ ގޮތުގައި އޭނާގެ ދޮންބައްޕަގެ "ނަފްސާނީ މައްސަލަ" ހުރެއެވެ.

މެތިއުގެ ވީޑިއޯ އާންމު ކުރިތާ މާ ގިނަ ދުވަހެއް ނުވެ، ޑްރޯން ހަމަލާއެއްގައި އަލްހަސާނީ މަރާލައިފިއެވެ.

"އަހަރެން ވަރަށް އުފާވި. އަހަރެން އެއްވެސް ގޮތަކަށް އޭނާ (ދޮންބައްޕަ) އާ ގަބޫލެއް ނޫން. ނުރުހޭ. އުފާވާން ވާނެ ކަމަކަށް ގަބޫލެއް ނުކުރަން، މީހެއް ދޯ އެ މަރުވީ... އެކަމަކުވެސް ވަރަށް އުފާވި. އަހަރަމެން އެންމެން އުފަލުން ރުއިން" އަލްހަސާނީގެ މަރުގެ ވާހަކަ ހިއްސާ ކުރަމުން މެތިއު ކިޔައިދިނެވެ.

ސޫރިޔާގެ އިދްލީބުގައި ސުންނާފަތިކޮށްލާފައި އިމާރާތްތަކެއްގެ ކައިރިން މީހަކު ސައިކަލުގައި ދަތުރުކުރަނީ/ފޮޓޯ: އޭއެފްޕީ

އޭރު ސަމޭންތާއަށްވެސް ފައިސާކޮޅެއް ލިބިއްޖެއެވެ. 4 ދަރިންނާއެކު އައިސިސްގެ މުށުތެރެއިން މިނިވަން ވުމުގެ ދަތުރު ފެށިއެވެ. އައިސިސްގެ ޗެކްޕޮއިންޓްތައްހުރަސް ކުރިއިރު މެތިއު އޮތީ ފީފާއެއްގެ ތެރޭގައެވެ. ކުރުދީންގެ ބާރު އޮތް ސަރަހައްދަށް ދެވުމާއެކު، އެ އާއިލާ ހައްޔަރު ކޮށް، ޑިޓެންޝަން ކޭމްޕަކަށް ފޮނުވާލިއެވެ. ބީބީސީއިން ސަމޭންތާއާ ވާހަކަދައްކަން ފެށި ހިސާބަކީ އެއީއެވެ.

ސަމޭންތާ ބުނެފައި ވާ ގޮތުގައި، ސޫރިއާއަށް އޭނާގެ އާއިލާ ގެންދިޔައީ އަލްހަސާނީގެ ނުބައި ރޭވުމަކުންނެވެ. އަލްހަސާނީ ރާވަމުން ދިޔައީ ކޮން ކަމެއްކަން ނޭނގޭ ކަމަށް ސަމޭންތާ ބުނެއެވެ.

ރައްގާއަށް ދެވުމާއެކު އަލްހަސާނީގ މިޒާޖަށް ބަދަލު އައި ކަމަށް ސަމޭންތާ ބުނެއެވެ. އަދި ޔަޒީދީ ދަރިކޮޅުގެ 2 އަންހެން ކުއްޖަކު، އަޅުންގެ ގޮތުގައި ގެނައި ކަމަށާ، އަލްހަސާނީ "ގަވައިދުން" އެކުދިން ރޭޕް ކުރި ކަމަށްވެސް ސަމޭންތާ ބުނެއެވެ.

އެމެރިކާއަށް އަނބުރާ ވަދެވުމަށް ފަހުވެސް ސަމޭންތާ ބުނަމުން ދިޔައީ އޭނާއަށް އޮޅުވާލާފައި ވާ ކަމަށެވެ. ފިރިމީހާގެ "ބޯކޮސް" ރޭވުންތަކަށް އެއްބާރުލުން ދިން ނަމަވެސް، އައިސިސް އާ ގުޅުމަށް އެއްބާރުލުން ދީފައި ނުވާނެ ކަމަށް ސަމޭންތާ ދަނީ ބުނަމުންނެވެ.

ނަމަވެސް، ބީބީސީގެ ޕެނަރޯމާއިން ހިންގި ތަހުގީގުތަކުން، ސަމޭންތާގެ ބުނުން ބަލިކަށިކޮށްލައެވެ.

އައިސިސްގެ ވީޑިއޯގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އިންޒާރު ދިން މެތިއު / ފޮޓޯ: ބީބީސީ

އަލްހާސާނީގެ އާއިލާއިން ބުނި ގޮތުގައި، ސޫރިއާއަށް ދިއުމުގެ ކުރިންވެސް އަލްހަސާނީއާ އައިސިސްގެ ގުޅުން އޮތެވެ. އައިސިސްގެ ޕްރޮޕަގަންޑާ ވީޑިއޯއާއި، މީހުން މަރާ މަންޒަރުތައް، އޭނާގެ ގޭގައި ބެލި ކަމަށް އާއިލާއިން ބުނެއެވެ. ސަމޭންތާގެ އެކުވެރިއަކުވެސް، ހަނގުރާމައާ ގުޅުމުގެ ފިކުރު، އަލްހަސާނީ ފާޅު ކުރި ކަމަށް ބުނެފައެވެ.

ސޫރިއާއަށް ދިރިއުޅުން ބަދަލު ކުރުމުގެ ހަފުތާތަކެއް ކުރިން، ސިލްސިލާ ގޮތެއްގައި ސަމޭންތާވެސް ހޮންގްކޮންގްއަށް ދަތުރުތަކެއް ކޮށް، ސޭފް ޑިޕޮޒިޓްތަކެއްގައި، 30000 ޑޮލަރާއި، ރަން، ރައްކާ ކުރި ކަން ވަނީ ހާމަވެފައެވެ.

ޖަލުގެ ތޭރިތަކުގެ ފަހަތުގައި 12 މަހެއްހާ ދުވަސް ހޭދަ ކުރުމަށްފަހު، ސަމޭންތާ ވަނީ އޭނާގެ ވާހަކަ ބަދަލުކޮށްފައެވެ.

އައިސިސްގެ ވީޑިއޯގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އިންޒާރު ދިން މެތިއު / ފޮޓޯ: ބީބީސީ

މި ހުރިހާ ތަހައްމަލު ކުރި ކުޑަކުޑަ ސިކުނޑި، މެތިއުއަށް އަނބުރާ އެމެރިކާއަށް އާދެވި، ދިރިއުޅުން އަލުން ފަށާފައި ވާއިރު އޭނާއަށް ކުރެވޭ އިހުސާސް ބަޔާންކޮށްދެމުން ބުނީ "ކުރެވެނީ، ބާރު ހެދުމެއް ލައިގެން، ފަޔަށް ބާރު ބޫޓަކަށް އަރައިގެ މުޅި ދުވަހު އުޅުމަށްފަހު، އެ ހުރިހާ އެއްޗެއް ބަލާ، އަރާމުކޮށް ފެންވަރާލުމުން ކުރެވޭ ފަދަ، ލުއި ލިއްބައިދެނިވި ފޮނި އިހުސާސެއް" ކަމަށެވެ.

އައިސިސްގެ ކިބައިން މިނިވަންވެ، އަމިއްލަ ވަޒަނަށް ދިރިއުޅުން ބަދަލު ކުރުމުގެ ފުރުސަތު ލިބުނު މެތިއުގެ ވާހަކަތައް ހިމަނައިގެން ބީބީސީއިން ތައްޔާރު ކޮށްފައިވާ ޑޮކިއުމަންޓްރީ، ބީބީސީ ވަންއިން (ޖީއެމްޓީ ގަޑިން) މިރޭ 21:00 ގައި އޮންއެއާ ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.