އޭއެފްސީ ކަޕްގައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޖެހި އެންމެ މޮޅު ލަނޑު ހޮވުމަށް ބާއްވަމުން އަންނަ އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖްގެ ސެމީއަށް ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑް އަލީ އަޝްފާޤު (ދަގަނޑޭ) ދަތުރުކޮށްފިއެވެ.

މި ޗެލެންޖަކީ ސަޕޯޓަރުން ދޭ ވޯޓުން މޮޅުވާ ޗެލެންޖަކަށްވާ އިރު ސެމީގައި އަޝްފާޤު ވާދަކުރީ ވިއެޓްނާމްގެ ހަނޯއީ ފުޓްބޯޅަ ކްލަބްގެ ޑެޑްބޯލް ސްޕެޝަލިސްޓް ގުއާންގް ހާއީއާއެވެ. ސެމީގައި އަޝްފާޤަށް ލިބިފައިވަނީ 54.68 ޕަސަންޓެވެ. ވިއެޓްނާމްގެ ކުޅުންތެރިޔާއަށް ލިބުނީ 45.32 ޕަސެންޓެވެ.

އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖްގެ ސެމީގެ ނަތީޖާ

މިއީ މިޗެލެންޖްގައި ހަނޯއީ އެފްސީގެ ކުޅުންތެރިއަކު އަޝްފާޤު ބަލިކުރި ދެވަނަ ފަހަރެވެ. އަޝްފާޤު ވަނީ ކުއާޓާގައި އެޓީމުގެ ގުޔެޓް ބަލިކޮށްފައެވެ.

ސެމީގައި ލިބުނު ކާމިޔާބީއަށް ފަހު ކުރި ޓުވީޓެއްގައި އަޝްފާޤު ބުނީ އޭއްފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯދައިދިނުމަށް މަސައްކަތް ކޮށްދިން އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އޭނާގެ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭ ކަމެއް ކަމަށްވެސް އަޝްފާޤު ބުންޏެވެ.

އޭފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލް ބުރުގެ ވޯޓުލުން ފެށޭނީ މިމަހުގެ 25 ވާ ބުދަ ދުވަހުއެވެ. ފައިނަލްގައި އަޝްފާޤު ވާދަކުރާނީ ޗައިނާގެ ސައުތް ޗައިނާ އޭއޭގެ ކުޅުންތެރިޔާ ޗަން ސުއި ކީއާ ދެކޮޅަށެވެ.

ޗެލެންޖްގެ ކުއާޓާ އަދި ސެމީގައި ވެސް ވެސް އަޝްފާޤަށް ވޯޓު ހޯދައިދޭން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މަސައްކަތްތައް ކުރި އިރު ވޯޓުލީ ބައެއް މީހުން ބުނީ އޭއެފްސީ ބްރެކެޓް ޗެލެންޖަކީ ކޯއްޗެއް ކަމެއް ނޭނގޭ ކަމަށާ ވޯޓުލީ ހަމަ އަޝްފާޤު ވީމައި ކަމަށެވެ.

ބްރެކެޓް ޗެލެންޖްގައި ހިމެނޭ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގައި އޭނާ ކުޅުނު އިރު އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. މި ގޯލަކީ އެޓީމުގެ ޑިފެންސް ލައިނާ ކީޕަރު 'ލަނދުގަންނަވާލާ'، އަޝްފާޤް ނިއުއަށް ޖަހާ ދިން ހިތް ގައިމު ސޯލޯ ގޯލެކެވެ.