މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ހީނަރުކަމެއްގައި އޮތުމަށްފަހު، ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ ސާފު ނުކުރާ ތެލުގެ ވިޔަފާރި ހެޔޮ ފާލަކަށް އެޅިދާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.

ފިޗް ރޭޓިންގްސްއާ ހަވާލާދީ، ބައިނަލްއަގުވާމީ ވިޔަފާރީގެ ހަބަރު ބުނާ ގޮތުގައި، ސާފު ނުކުރާ ތެލުގެ ވިޔަފާރިއަށް 2021 ވަނަ އަހަރު އެދެވޭ ބަދަލުތަކެއް އަންނާނެއެވެ.

ސާފު ނުކުރާ ތެލުގެ ވިޔަފާރީގެ ސިނާއަތް، 2021 ވަނަ އަހަރު ހެޔޮ ފާލަކަށް އެޅޭނެ ކަމަށް ބެލެވިފައި މިވަނީ، ކޮވިޑް-19 އިން ދިފާއު ވާނެ ވެކްސިނަކާ މެދު އުއްމީދީ ހަބަރުތަކެއް ލިބުނު ހިސާބުންނެވެ.

ކޮވިޑް-19އާއެކު ދުނިޔޭގެ އިގުތިސޯދީ ހަރަކާތްތައް ހުއްޓުމަކަށް އައިސް، ތެލަށް އޮތް ޑިމާންޑް އިންތިހާއަށް ދަށްވި ވަގުތު ފައިދާ ނެގި އެއް ގައުމަކީ ޗައިނާއެވެ. އެގޮތުން، ޗައިނާއިން ވަނީ ހެޔޮ އަގުގައި، ގިނަ އަދަދަކަށް ތެޔޮ ގަނެ، ރައްކާ ކޮށްފައެވެ. 2021 ވަނަ އަހަރުވެސް ޗައިނާއިން މި ގޮތަށް ތެޔޮ ގަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މައިގަނދު އިގުތިސޯދުތައް ހުއްޓާލާފައި އޮތް މިދަނޑިވަޅުގައި، ޗައިނާއިން މިފަދަ ގޮތަކަށް ތެޔޮ ގަތުމަކީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލަށް ކޮންމެވެސް ވަރެއްގެ ޑިމާންޑެއް އުފައްދާ، އަގުތައް ހެޔޮ ފާލަކަށް އަޅަން ލިބިދޭ ފުރުސަތެއް ކަމަށް ވެސް ބުނެވިދާނެއެވެ.

ބައިނަލްއަގުވާމީ ބާޒާރަށް ތެޔޮ ސަޕްލައި ކުރަމުން ދާ ގައުމުތަކަށް ބަލާއިރު، ވިޔަފާރިގެ ހީނަރު ކަމާ ކުރިމަތިލާން ޖެހިފައި ވަނީ މެދުއިރުމަތީގައި ތެލުގެ ސިނާއީ އުފެއްދުންތެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. މެދުއިރުމަތީގެ ތެލުގެ އުފެއްދުންތެރި ކަމުގެ ސިނާއަތަށް ހީނަރުކަން ކުރިމަތިވެފައި ވަނީ، އެމެރިކާއިން ތެލަށް ކުރާ ޑިމާންޑް ދަށް ވުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ އަގުތަކަށް ބަލާއިރު އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނީގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 44.96 ޑޮލަރަށެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ ފީފާއެއްގެ އަގު އުޅުނީ 42.42 ޑޮލަރަށެވެ.