ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރަށްތައް ވިއްކާފައި ނެގި ފައިސާ ހިފައިގެން ނުދިޔަ ނަމަ މިއަދު ހާލުގައި ނުޖެހި އެއިން ހަރަދު ކުރެވުނީސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި ވިއްކާފައި އޮތް 85 ރަށް އެބައޮތް ކަމަށާއި އެ ރަށްތަކުން ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނުއަގުގައި ރަށްތައް ދޫކޮށްފައިވާ ކަމަށާއި އެކަމުން ލިބުނު ފައިސާ ހިއްޕަވައިގެން "ޔާމީން ވަޑައިގެންނެވީ" ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ނުއަގުގައި ރަށްތައް ދޫކޮށް، އެ ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. އެ ވެސް ބަޖެޓުގައި ހުރި ނަމަތާ މި ދަތި ހާލުގައި އަޅުގަނޑުމެންނަށް އޭގެއިން ޚަރަދު ކުރެވޭނީ،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ޔާމީން ހިއްޕަވައިގެން ވަޑައިގެންނެވި ފައިސާ ހުރިނަމަ މިއަދު ދަތި ހާލުގައި އުޅެން ނުޖެހޭނެ ކަމަށާއި އެ ފައިސާއިން ހަރަދު ކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެންކަމުން ދަރަނި ބޮޑުވުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން ކަމަށާއި އަދި މިހާތަނަށް ދަރަނީގެ ގޮތުގައި މި ސަރުކާރުން ނެގީ 15 ބިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ޖަހާފައި އޮތީ ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތައް ދެއްކުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަގަކުން ކައްސައެއް ނުލާނަން. އިރާދަކުރެއްވިއްޔާ ހަރު މުދާ ނުވިއްކައި ރާއްޖެ އަމާން އައްސޭރިއަކަށް ގެންގޮސްދޭނަން،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމާ ހަވާލުވި އިރު ދައުލަތުގެ ދަރަނި އޮތީ 6.5 ބިލިއަން ރުފިޔާގައި ކަމަށާއި ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން 2018 ގައި ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދަރަނިތައް މި ސަރުކާރަށް ވާރުތަވިއިރު ދައުލަތުގެ ރިޒާވުގައި ފައިސާ ނެތް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ފައިނޭންޝަލް ޓީމަށް ފުރިހަމަ އިތުބާރު އެބައޮތެވެ. އަމާޒު ވެސް ވަރަށް ސާފު ކަމަށާއި ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ވެސް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ މަޖިލީސް މެންބަރުންގެ އަރިހުގައި އަންނަ އަހަރަށް ލަފާކުރި 34 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ބަޖެޓާ މެދު ބަހުސް ކުރައްވަމުން ގެންދެވި އިރުގައި ދެއްކެވި ބައެއް ވާހަކަތައް އެމަނިކުފާނު އަޑުއެއްސެވި ކަމަށާއި ބައެއް މެންބަރުން ބަޖެޓް ކުޑަކުރައްވަން އެދިވަޑައިގެން ނަމަވެސް މިވަގުތަކީ އިގްތިސާދު ހިންގުމަށް ކުރަންޖެހޭ ކަންކަން ކުރަންޖެހޭ ވަގުތު ކަމަށާއި ފައިސާ ހަމަޖެހިފައި ހުރި ޕްރޮޖެކްޓްތަކަށް ވާތީ މެދުނުކެނޑި ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.