އޭޝިއަން ފެޑެރޭޝަން ކަޕްގައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ރީތި ލަނޑު ޖެހި ކުޅުންތެރިޔާ ހޮވުމަށް ސަޕޯޓަރުންގެ މެދުގައި ބާއްވަމުންދާ އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ސެމީފައިނަލްގެ ވޯޓުލުން ފަށައިފިއެވެ.
ދިވެހިންގެ މެދުގައި ބޮޑު ތަރުހީބެއް ހޯދާފައިވާ ބްރެކެޓް ޗެލެންޖްގެ ސެމީގައި ވާދަ ކުރަނީ ރާއްޖޭގައި އުފެދިގެން އައި އެންމެ ކުޅަދާނަ އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) އާއި ވިއެޓްނާމްގެ ހަނޯއީގެ ގުޔެންގް ހައާއީއެވެ.
ދިވެހިންގެ ހިތުގައި އަޝްފާޤަށް އޮންނަ ލޯބި ރަނގަޅަށް ވެސް ދައްކުވައިދިން މި ޗެލެންޖްގެ ސެމީއަށް އޭނާ ދަތުރު ކޮށްފައި ވަނީ ކުއާޓާފައިނަލްގައި 130،000 އަށް ވުރެ ގިނަ ވޯޓު ހޯދައިގެންނެވެ. ސަޕޯޓަރުންދޭ ވޯޓުން ކުރި ލިބޭ މި ޖެލެންޗްގައި އަޝްފާޤް ވަނީ ކުވައިތް އަދި ބަންގްލަދޭޝްގެ ކްލަބްތަކަށް ކުޅޭ ދެ ކުޅުންތެރިން ވެސް 'ބަލި' ކޮށްފައެވެ.
އޭއެފްސީ ބްރެޖެޓް ޗެލެންޖްގެ ކުއާޓާރުގައި ހަނޯއިގެ ގުޔެން ވެން ޔުޔެޓްގެ މައްޗަށް ލިބުނު ކާމިޔާބީއަށް ފަހު އަޝްފާޤު ކުރި ޓްވީޓެއްގައި ވަނީ އެ ޕޯލް ކާމިޔާބު ކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދިން ވޯޓާއި، ވޯޓުހޯދުމަށް ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ދެވަނައެއް ނުވާ ސަޕޯޓަރުން ތިބުމަކީ އޭނާ ނުހަނު އުފާ ކުރާ ކަމެއް ކަމަށް ވެސް އަޝްފާޤު ބުންޏެވެ.
އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ސެމީގެ ވޯޓުލުން މިމަހުގެ 22 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 1 ޖެހުމާ ހަމަށް ކުރިއަށްދާ އިރު މިހާތަނަށް ބަލާނަމަ ބޮޑު ތަފާތަކުން އަޝްފާޤު އުޅެނީ ކުރީގައެވެ. މި ވަގުތު އަޝްފާޤަށް ވޯޓުގެ 94 ޕަސަންޓް ލިބިފައިވާ އިރު ގުޔެން ހުއާންއަށް އަދި ލިބިފައިވަނީ އެންމެ 5 ޕަސެންޓެވެ.
ޗެލެންޖްގެ ކުއާޓާގައި ވެސް އަޝްފާޤަށް ވޯޓު ހޯދައިދޭން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މަސައްކަތްތައް ކުރި އިރު ވޯޓުލީ ބައެއް މީހުން ބުނީ އޭއެފްސީ ބްރެކެޓް ޗެލެންޖަކީ ކޯއްޗެއް ކަމެއް ނޭނގޭ ކަމަށާ ވޯޓުލީ ހަމަ އަޝްފާޤު ވީމައި ކަމަށެވެ.
ބްރެކެޓް ޗެލެންޖްގައި ހިމެނޭ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގައި އޭނާ ކުޅުނު އިރު އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. މި ގޯލަކީ އެޓީމުގެ ޑިފެންސް ލައިނާ ކީޕަރު 'ލަނދުގަންނަވާލާ'، އަޝްފާޤް ނިއުއަށް ޖަހާ ދިން ހިތް ގައިމު ސޯލޯ ގޯލެކެވެ.