ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރަން އަދި ލަސް ނުވާ ކަމަށާއި، އެކަން ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކަރުގެ ވައުދާ އެއްގޮތަށް ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުން ލަސްވަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސުވާލަށް ޖަވާބު ދެއްވަމުން ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެއް ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އެކަން ކުރުން ލަސްވެފައި ނުވާ ކަމަށާއި، މި ވެރިކަމުގެ 5 އަހަރު ތެރޭ އެކަން ކުރާނެ ކަމަށެވެ.

ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރާނެ ކަމީ އެއްވެސް ހާލެއްގައި ޝައްކެތް އޮތް ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް 12 އަހަރު ވެގެންދާއިރު ޖޭއެސްސީގައި މަޖިލިސް ރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އިނުމަކީ ރަނގަޅުކަމެއްތޯ ނުވަތަ ނޫންތޯ، މިއީ ނާހަންވީ ސުވާލެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯގައި އެކަން ހިމެނުއްވީ ވެސް އެހެންވެ ކަމަށެވެ.

ޖޭއެސްސީގެ މަސައްކަތަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވީ، މިހަރު އެ ކޮމިޝަނުން ކުރަމުން ގެންދަނީ ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް. ބައެއް ބޭފުޅުން ފަނޑިޔާރުންނާ މީގެ ކުރިން ބެހެއްޓެވި ގުޅުންތައް، ނުބެހެއްޓެވޭތީވެ، ނުވަތަ އެ ގުޅުންތައް ގެއްލި ދިޔާއިމަ، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އުފެދިގެން އަންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީން ވަނީ މިހާތަނަށް ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަތައް ބަލައި، ސިޔާސީ ނުފޫޒު އޮތް ކަމަށް ތުހުމަތުވާ ފަނޑިޔާރުންނާއި ކޮރަޕްޝަންގެ ތުހުމަތުވާ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ. ޖޭއެސްސީގެ މަސައްކަތަށް ނަޝީދު ތައުރީފު ކުރައްވާފައި ވާއިރު، އެމަނިކުފާނަކީ ވެސް ޖޭއެސްސީގެ މެންބަރެކެވެ. އެކަމުގެ ސަބަބުން ޖޭއެސްސީއަކީ އެމްޑީޕީގެ ސިޔާށީ ގޮތްޕެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދނަީ ބުނަމުންނެވެ.