ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 135 މައްސަލަ މިދިޔަ އޮކްޓޯބަރު މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ރިޕޯޓުކޮށް، އެ މިނިސްޓްރީން އެޓެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 135 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 43 މައްސަލަ ރިޕޯޓް ކޮށްފައިވާއިރު، ޖިންސީ ހާނިކައިގެ 38 މައްސަލަ، ޖިސްމާނީ ހާނިކައިގެ 24 މައްސަލަ، ނަފްސާނީ ހާނިކައިގެ 9 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުން 15 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުން ކުރުމުގެ 4 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. ހަމައެއާއެކު އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައަކާއި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލައެއް ވެސް މިިދޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ.
ކުޑަކުދިންގެ އަހްލާގާ ގުޅުން ހުރި ޖުމްލަ 12 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލއެއް ވެސް ހިމެނެއެވެ. އަދި އެކު ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 9 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، އޭގެ ތެރޭގައި ވައްކަން ކުރުމާ ގުޅޭ 2 މައްސަލައެއް ހިމެނެއެވެ.
ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ 2 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، އެއީ އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ މައްސަލައަކާއި، ސިއްހީ ފަރުވާއަށް ހުރަސް އެޅުމުގެ މައްސަލައެކެވެ.
އާއިލީ 36 މައްސަލަ މިދިޔަ އޮކްޓޯބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވެއބެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ހަޟާނާ ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 18 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 10 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވި 8 މައްސަލައެއް ހިމެނެއެވެ.
ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލަ މިދިޔަ އޮކްޓޯބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާ ކަމަށެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާ ކުރުމުގެ 20 މައްސަލަ، އަދި ނަފްސާނީ އނަިޔާ ނުވަތަ އަނގަބަހުން ކުރާ އަނިޔާގެ 11 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 3 މައްސަލަ، ޖިންސީ ހާނިއްކައިގރ 2 މައްސަލަ، ރޭޕް ކުރުމުގެ 2 މައްސަލަ، އަދި އިހުމާލު ވުމުގެ 2 މައްސަލަ ހުށަހަޅާފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން 16 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 12 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 4 މައްސަލައެވެ. އަދި މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 7 މައްސަލަ ހިމެނެއެެވެ.
މީގެ އިތުރުން މިދިޔަ މަހު އިތުރު 3 ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، އެއް ކުއްޖަކު ވަނީ ރީއިންޓަގްރޭޓް ކޮށްފައެވެ. މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 206 ކުދިންނެވެ.