މާމަގެ ފައްޓަރުބައި ވިއްކާލިއަސް ޗައިނާ ދަރަނި އަދާ ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރު ސަރުކާރުގެ އާމްދަނީގެ 53 ޕަސެންޓް ދާނީ ދަރަނި އަނބުރާ ދެއްކުމަށް ކަމަށާއި، އޭގެ ތެރެއިން 80 ޕަސެންޓަށް ވުރެ ބޮޑު ބައި ދާނީ ޗައިނާ ދަރަނި ދައްކަން ކަމަށެވެ. ނަމަވެސް މާމަގެ ފައްޓަރުބައި ވިއްކައިގެން ވެސް އެ ދަރަނި ދެއްކުމުގެ ގާބިލްކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިއްޔެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ނަޝީދު ވަނީ ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ދައްކަން ލުޔެއް ނުދޭ ކަންވެސް ފާހަގަ ކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކުގެ އަދަދު ފަސް ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި ދަރަނި އަދާކުރުމަށް އިތުރަށް ދަރަނި ނަގަން ޖެހިފައި ވާ ކަމަށެވެ.

ނަމަވެސް ޗައިނާއިން ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ގެއްލުން ވަމުން ދާތީ ބައެއް ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށް އަދި ބައެއް ލޯނުތަކުގެ އިންޓަރެސްޓު ކުޑަކޮށްދީފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިންނެވެ.

ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެއެވެ.