ބޭންކް އޮފް މޯލްޑިވްސްގެ ވެހިކަލް ލޯން އަދި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓު ކުޑަ ކޮށްފިއެވެ.

ބީއެމްއެލުން ބުނީ މިއަދުން ފެށިގެން ދަށް ކުރެވުނު އިންޓްރެސްޓާއެކު ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް 15 ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ލޯނު ލިބޭނެ ކަމަށެވެ. އަދި އިންޓްރެސްޓް ދަށްވުމާއެކު އުޅަނދު ގަންނައިރު މަހަކަށް ދައްކަންޖެހޭ އަދަދު ވެގެން ދާނީ އެންމެކުޑަ އަދަދުގެ ގޮތުގައި ކަމަށް ބޭން ކުން ބުނެއެވެ. ބޭންކުން ބުނީ މި ލޯން އެއްވެސް އިތުރު ރަހުނަކާ ނުލައި ދޫކުރާ އިރު ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

މީގެ ކުރިން ބީއެމްއެލް ވެހިކަލް ލޯން ދޫކުރަމުން އައީ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށެވެ. ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ.

މި ބަދަލާއެކުމުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއްލިބިގެންދާނީ ބީއެމްއެލް އިން.
ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، މޫސާ ނިމާލް

ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުން ކުރުމަށް ބާރުއެޅުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ ވެހިކަލް ލޯނާއި ފައިނޭންސިންގެ ރޭޓް 12 ޕަސަންޓަށް ދަށް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ވެހިކަލް ލޯނާއި ފައިނޭންސިންއަށް މިއަދު ގެނައި ބަދަލާއެކު، ސައިކަލާއި، ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ، އިންޖީނުލީ ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދު ވެސް ގަނެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.