އަދުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދެ އަހަރު ދުވަސް ވެއްޖެއެވެ. އެކަމުގެ އުފަލުގައި "ކާމިޔާބު 2 އަހަރު" މި ޝިއާރުގެ ދަށުން މިނިސްޓްރީތަކުންނާއި މުއައްސަސާތަކުން އަދި ވަކިވަކި ފަރުދުން ވެސް ދަނީ ސޯޝަލް މީޑިއާ ފުރާލަމުންނެވެ. ވާނީވެސް އެހެންތާއެވެ. ރައީސް ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ، ރައްޔިތުންނަށް އެތައް ސަތޭކަ ވައުދެއް ވެ ވަޑައިގެންފައެވެ.
ރައީސް ސޯލިހް ސަރުކާރާ ހަވާލުވެ ވަޑައިގެންނެވީ ވެ ވަޑައިގެންނެވި ގިނަ ވައުދުތައް ފުއްދާ، ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް އުޅެވޭނެ މަގު ފަހި ކޮށްދިނުމަށް އެތައް ޕްލޭންތަކެއް ކުރައްވައިގެންނެވެ. ނަމަވެސް މި ސަރުކަރުން ހިންގި އެންމެ ބޮޑު މަޝްރޫއަކީ، އެ މަޝްރޫއެއް ހިންގަން ޖެހިދާނެ ކަމަށް ކުރިއާލާ ޕްލޭން ކުރި މަޝްރޫއެއް ނޫނެވެ. އާދޭހެވެ! މި ސަރުކާރުގެ ދެ އަހަރު ތެރެއިން އެއް އަހަރު އެއްކޮން ހެން ހޭދަކުރި އެންމެ ބޮޑު މަޝްރޫއަކީ ކޮވިޑް-19 ރެސްޕޮންސެވެ. އެ ކަމަކަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް 2.6 ބިލިއަން ރުފިޔާ ހޭދަކުރި މަޝްރޫއެވެ. ސިއްހީ ނިޒާމަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ނިޒާމު ކުރިއެރުވުމަށް އެތައް މަސައްކަތްތަކެއް ފާއިތުވި އަހަރު ތެރޭގައި ކުރި މަޝްރޫއެވެ.
ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރި އަދި ކުރަމުންދާ މަސައްކަތާ މެދު ހިތްހަމަ ޖެހޭތޯ ކުރާ ސުވާލުގެ ޖަވާބަކީ އާނއެވެ. ނަމަވެސް އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަން ހުރި ކަމަށް އެންމެން ވެސް ގަބޫލު ކުރާނެއެވެ.
ތެދެކެވެ. ރަނގަޅު ކުރެވޭނެ ކަންތައް އެބަ ހުއްޓެވެ. ނަމަވެސް ހޯދުނު ކާމިޔާބީ ވެސް އިންތިހާއެވެ. މިއަދު މަގުމަތިން ހުއްޓުވާ ކޮވިޑް ސާމްޕަލް ނަގަން ބަޔަކު ތިބެއެވެ. ބަލިވެގެން ފްލޫ ކްލިނިކަށް ދެއްކުމުން ވެސް ކޮވިޑް ސާމްޕަލް ނެގެއެވެ. ޕޮޒިޓިވް މީހަކާ ދިމާވެއްޖެ ނަމަ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ނިންމާފަ ވެސް ސާމްޕަލް ނަގާލެވެއެވެ. މި ސާމްޕަލްތަކުގެ ނަތީޖާ އެއް ދުވަސް ނުވަތަ ދެދުވަސްތެރޭ ލިބެއެވެ. މިއަދު ދުވާލެއްގެ މައްޗަށް 3000 ޓެސްޓު ކުރެވޭ ކެޕޭސިޓީ ރާއްޖޭގައި ހުރި ނަމަވެސް ރާއްޖެއިން ފުރަތަމަ މި ބައްޔަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތައް ޓެސްޓު ކުރާނެ ހަމަ އެއްގޮތެއް ވެސް ރާއްޖޭގައި ނެތެވެ. ފުރަތަމަ 7 ސާމްޕަލް ފޮނުވީ އިންޑިއާގެ ޕޫނޭއަށެވެ.
ދުނިޔޭގެ ގައުމުތަކަށް، ހާއްސަ ގޮތެއްގައި ތޮށްޖެހިފައިވާ ސިޓީތަކުގެ ކޮވިޑް ހާލަތަށް ބަލާލި ކަމުގައި ވީ ނަމަވެސް ފެނިގެން ދިޔައީ ހޮސްޕިޓަލްތަކުގައި ބަލި މީހުންނަށް ފަރުވާ ދޭނެ އެނދު ނެތިގެން މީހުން މަރުވެދިޔަ މަންޒަރެވެ. މި ބަލިމަޑުކަން ފެށިގެން އައިއިރު ރާއްޖޭގައި މިކަމާ ކުރިމަތިލާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ. ސިއްހީ ނިޒާމު އޮތީ މިފަދަ ބަލިމަޑުކަމަކަށް ކޭޓާ ކުރެވޭ ހާލަތެއްގައެއް ނޫނެވެ. އައިސޮލޭޝަން ފެސިލިޓީ، ކަރަންޓީނު ފެސިލިޓީއެއް އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ނަމަވެސް ސަރުކާރުން ނިންމި އަވަސް ނިންމުންތަކުގެ ސަބަބުން އައިސޮލޭޝަން ފެސިލިޓީތަކާއި ކަރަންޓީނު ފެސިލިޓީތައް ގާއިމް ކުރީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އެކަހެރިކޮށްގެން ފަރުވާ ދެވޭނެ ހޮސްޕިޓަލް ފެންވަރުގެ ފެސިލިޓީތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރިއިރު، ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައީ ބާރު ސްޕީޑުގައެވެ.
މާލެ ސަރަހައްދުގައި ކޮވިޑަށް ހާއްސަކޮށްގެން ގާއިމްކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 261 އައިސޮލޭޝަން އެނދާއި 28 އައިސީޔޫ އެނދު ހުންނައިރު، އެތަނުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް އެތަނުގައި ތިބެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ވެސް ކޮވިޑް ބަލި މީހުންނަށް ހާއްސަ ކޮށްފައިވާއިރު، ހާލަތަށް ރިއާޔަތްކޮށް ރާއްޖޭގައި ތިބި ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެސް ކޮވިޑް ބަލި މީހުންނަށް ފަރުވާ ދޭވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަތޮޅުތަކަށް ބަލާލާއިރު، ރާއްޖޭގެ 5 ސަރަހައްދެއްގައި ވަނީ 7 ފެސިލީއެއް ގާއިމްކޮށް ނިންމާފައެވެ.
- ފުވައްމުލައް ސިޓީ: 3 އައިސީޔޫ އެނދު،
- ސ. ހިތަދޫ: 23 އައިސީޔޫ އެނދާއި 22 އައިސޮލޭޝަން އެނދު،
- ގއ. ވިލިނގިލީ: 23 އައިޔޫ އެނދާއި 21 އައިސޮލޭޝަން އެނދު،
- ލ. ގަން: 20 އައިޔޫ އެނދާއި 23 އައިސޮލޭޝަން އެނދު،
- ބ. އޭދަފުށި: 20 އައިޔޫ އެނދާއި 37 އައިސޮލޭޝަން އެނދު،
- ށ. ފުނަދޫ: 20 އައިޔޫ އެނދާއި 37 އައިސޮލޭޝަން އެނދު އަދި
- ހއ. އިހަވަންދޫ: 3 އައިސީޔޫ އެނދު މިއެވެ.
ސަރުކާރުގެ މި ހަރުދަނާ ނިންމުންތަކުގެ ސަބަބުން މިއަދު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ފަހުރުވެރިކަމާއެކު، ތިމަންނަގެ ގައުމުގައި ކޮވިޑް-19ގެ ޖެހިގެން ފަރުވާދޭނެ އެނދެއް ނެތި އެކަކު ވެސް މަރުނުވާ ކަމަށް ބުނެވޭނެއެވެ.
މި ބަލިމަޑުކަމުގައި އިދާރާތަކުން އަމަލުކުރީ އެންމެ ރަނގަޅަށްތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ މިއީއެވެ. ރާއްޖެ ފަދަ ކުޑަ ކުޑަ ގައުމެއްގައި މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް އައިސް، މިފަދަ ބޮޑު ބަލިމަޑުކަމަކާ ބިރެއް ނެތި ކުރިމަތިލުން މިއީ ކުޑަކަމެއް ނޫނެވެ. ރާއްޖޭގައި 905 ޑޮކްޓަރުންނާއި 2970 ނަރުހުން ތިބިއިރު، ކޮވިޑް ރެސްޕޮންސަށް ސަރުކާރ ހަރަދުގައި ފިލިޕީންސް، ނޭޕާލް އަދި ޕާކިސްތާނުން ވަނީ 116 މެޑިކަލް ސްޓޫޑެންޓުންނާއި ޑޮކްޓަރުން ވަނީ ގެނެސްފައެވެ.
ރާއްޖޭގެ ފެންވަރުން ކުރެވެން ހުރިއެންމެ ރަނގަޅަށް ކަންކަން މިވަނީ ކޮށްފައެވެ. ހަމައެއާއެކު މިކަމުގެ އަސަރު ކޮވިޑް ނިމިގެން ދާއިރުވެސް އާންމުންގެ ކިބައިގައި ހުންނާނެއެވެ. ތަފާތު ތަޖުރިބާއަކާއެކު، ސިއްހީ ގޮތުން ރަނގަޅު އާދަކާދަ ދިވެހިންގެ ތެރޭގައި ހިމެނިއްޖެއެވެ.
މިއީ މިހާތަނަށް ހިންގި އެންމެ މީޑިއާ ރައްޓެހި މަޝްރޫއު
ރައީސް ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން ރާއްޖޭގެ މަޝްރަހު އޮތް ގޮތަށް ބަލާލާނަމަ ފެންނަން އޮތީ ހަމަނުޖެހުމާއި ރުޅިވެރިކަމެވެ. މުޒާހަރާތަކެވެ. ނޫސްވެރިން، އެވެރިންގެ ޒިންމާތައް އަދާ ކުރާނެ ޖާގަ ނުދޭ މަންޒަރެވެ. ސުލްހަ މަސަލަސްކަމާއި، މިނިވަން ނޫސްވެރި ކަމަކީ އޭރު ބަޔަކު ދަންނަ އެއްޗެއް ނޫނެވެ. ރައީސް ސޯލިހްގެ ވައުދުތަކުގެ ތެރޭގައި މިކަން ވެސް ހިމެނުނެވެ. ނޫސްވެރިކަން މިނިވަން ކުރުމެވެ.
އަދުގެ ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރު، މީޑިއާތަކާ ގާތް ގުޅުމެއް ބޭއްވިއްޖެއެވެ. ސަރުކާރުން، ސަރުކާރުގެ އިދާރާއަކުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހުރިހާ ކަމެއް ހެން މީޑިއާއަށް ދަނީ ހާމަ ކުރަމުންނެވެ. ތަފާސްހިސާބުތަކުގެ ޒަރިއްޔާއިންނާއި އެހެނިހެން ގޮތްގޮތުންނެވެ. ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގުޅޭނެ މީޑިއާ ކޯޑިނޭޓަރުން މުޅި ސަރުކާރު ތެރޭގައި އެބަތިއްބެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިން ހޮވާލެވޭ މީޑިއާ ރައްޓެހި އެއް މަޝްރޫއެއް އެބަ އުޅެއެވެ. މިކަމާ ދެބަސް ވާނެ މީހަކު ނެތެވެ. އާދެ! އެއީ ކޮވިޑް-19 ރެސްޕޮންސެވެ.
ކޮވިޑް-19އާ ހަނގުރާމަ ކުރުމުގައި ސަރުކާރުން މީޑިއާއާ ރައްޓެހިއޭ ބުނުމުން ގިނަ ބައެއްގެ ހަނދާނަށް އަންނާނީ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކެވެ. ނަމަވެސް، ކޮވިޑާ ހަނގުރާމަ ކުރުމަށް ރާއްޖެއިން ފެށީ އެންއީއޯސީ އެކުލަވާލުމުގެ މާ ކުރިންނެވެ. އޭރުގެ ޓޫއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިސްވެ ތިއްބަވައިގެން ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެންއީއޯސީ އެކުލަވާލަން ދެން އެތައް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ.
ރާއްޖޭގެ ކޮންމެ ތަނެއްގައި ދިރިއުޅޭ މީހަކު ކުރެން އަހައިލިއަސް މިއަދު މަބްރޫކް ނުދަންނަ މީހަކު ނެތެވެ. ކޮންމެ ދުވަހަކު ޓީވީ ހުޅުވައިގެން، މަބްރޫކް ޓީވީއަށް އަރައި، ފޯރުކޮށްދޭނެ މައުލޫމާތެއް ކަނުލާ އަޑުއަހަން ކެތް މަދުވެފައި އިންތިޒާރުގައި ތިބެއެވެ. މަބްރޫކް ޓީވީއަށް އަރާ ގަޑީގައި އޭނާ ނުފެނިއްޖެ ނަމަ އެކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެއެވެ. ރައްޔިތުންގެ ހިތްތަކުން މަބްރޫކަށް ޖާގަ ދީފައި ވަނީ މައުލޫމާތުގެ ހަޒާނާގެ ވެރިޔާގެ ގޮތުގައެވެ. މިކަމުން ހާމަވެގެން ދަނީ، މީޑިއާތައް މެދުވެރިކޮށް ސަރުކާރާ ރައްޔިތުން ގުޅިފައި އޮތް ވަރެވެ.
މަބްރޫކަކީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓްރީއެވެ. އޭނާއަކީ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ސަރުކާރުން އެކުލަވާލި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނެވެ. އެންއީއޯސީގެ ތަރުޖަމާނުގެ ގޮތުގައި މަބްރޫކް ހަމަޖެހިގެން ދިޔައީ އެ ސެންޓަރު އެކުލަވާލާ، އެ ސެންޓަރުގެ ފަރާތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ހާއްސަ ތަރުޖަމާނެއްގެ ގޮތުގައި މަބްރޫކް ހަމަޖެއްސުމަށް ރައީސް ސޯލިހް އެންގެވުމާއެކުއެވެ.
މި މަގާމަށް އޭނާ ހަމަޖެއްސުމުން ބައެއް ފަރާތްތަކުގެ ސުވާލު އަމާޒުވިއެވެ. މުޅި ދުނިޔެއަށް ވެސް އަލަށް ދިމާވާ ބަލި މަޑުކަމެއްގައި، އެ ބައްޔާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ސިއްހީ ދާއިރާގެ ތަޖުރިބާ ނެތް މީހަކު ހަމަޖެއްސުމުންނެވެ. މިކަމަކީ ތަރުޖަމާނު ކަމުގެ މަގާމުގައި މަބްރޫކަށް ކުރިމަތިވި އެންމެ އުނދަގޫ ކަން ވެސް މެއެވެ. އެހެން ކަމުން އޭނާ ބައިވެރިވި 111 ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކޮންމެ ބައްދަލުވުމެއްގައި ވެސް ސިއްހީ މާހިރަކު ބައިވެރިވެއެވެ.
މަބްރޫކް ފާހަގަ ކުރައްވާ ގޮތުގައި ސަރުކާރާއި ރައްޔިތުން ގުޅުވައި ދިނީ ނޫސްވެރިންނެވެ. މިއީ ފަހުގެ ތާރީހެއްގައި މީޑިއާއާއި ސަރުކާރާ ގުޅިގެން ކުރިއަށް ގެންދިޔަ އެންމެ ބޮޑު މަޝްރޫއެވެ. ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ނޫސްވެރިން މެދުވެރިކޮށް ސަރުކާރާ ހަމައަށް ގެންގޮސް ދިނުމުން، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިން ކިތަންމެ ފަހަރު އެބަހުއްޓެވެ.
މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ރައީސް ސޯލިހް ދެ ފަހަރަށް މީޑިއާއާ ބައްދަލު ކުރައްވައިފިއެވެ. އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އާއި، ރައީސް އޮފީހުގެ ގޯތިތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރައްޔިތުންނާއި ގުޅުމުގައި ހުދު ރައީސުލްޖުމްހޫރިއްޔާ ވެސް ފަހަތަށް ޖެހި ވަޑައިނުގެން ސާބިތުކަން ދެއްކެވިއެވެ.
އެންއީއޯސީ އަށް ފަހު ވެސް މި ކޮވިޑް މަޝްރޫއެއް ނުނިމެއެވެ. އެޗްއީއޯސީ އެކުލަވާލާ ކުރިއަށް ގެންދެއެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތައް އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކާ އަޅާކިޔާނަމަ އެހާ މަގުބޫލެއް ނޫނެވެ. އެހެނަސް، ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ އަދަދާއި، އެ ބައްދަލުވުންތަކުގައި ބައިވެރިވާ ނޫސްވެރިންގެ އަދަދަކުން އެތަނަކީ މީޑިއާ ރައްޓެހި ތަނެއްތޯ ނޫނީ ނޫންތޯ ކަނޑައެޅޭކަށް ނެތެވެ. ކުރިއެކޭ އެއްފަދައިން މިހާރުވެސް ނޫސްވެރިންގެ ސުވާލުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް ކޮވިޑް ރެސްޕޮންސްގެ މީޑިއާ ޓީމް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ސުވާލުތަކަށް ޖަވާބު ދިނުމާއި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދުމަށް މަސައްކަތް ކުރުން އެކަންޏެއް ނޫނެވެ. ލަފައާއި މަޝްވަރާވެސް މެއެވެ.
އެޗްއީއޯސީގެ ތަރުޖަމާނުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޕަބްލިކް ހެލްތު ނުވަތަ އާންމު ސިއްހަތުގެ ދާއިރާގެ 10 އަހަރުގެ ތަޖުރިބާ ހޯއްދަވައިގެން ހުންނެވި ޑރ. ނަޒްލާ ރަފީގެވެ. ޑރ. ނަޒްލާ ފާހަގަ ކުރައްވާ ގޮތުގައި އެތައް އަހަރެއްގެ ތަޖުރިބައާއެކު ވެސް މިފަދަ ބަލިމަޑު ކަމެއްގައި މަސައްކަތް ކުރަން ޖެހުމުން، ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ބަލީގެ ޒާތުން، ބެލެނިވެރިންނަށް ކުދިންނާ ބައްދަލު ނުކުރެވުމާއި، ހާލު ދެރަ އާއިލީ މީހުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބުން ފަދަ ކަންކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެޗްއީއޯސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން އެންމެ ކުރަން އުނދަގޫވި ކަމަކީ މި ބަލީގައި މީހަކު ނިޔާވުމުން، އެކަން އިއުލާން ކުރުން ކަމަށެވެ.
ކޮވިޑް-19 މަޝްރޫއަކީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު މަޝްރޫއެވެ. އެންމެ މީޑިއާ ރައްޓެހި، އެންމެ ފައިދާ ބޮޑު އެއް މަޝްރޫވެސް މެއެވެ. މިއީ ރައީސް ސޯލިހްގެ ސަރުކާރުގެ "ކާމިޔާބު 2 އަހަރު"ގެ ތެރެއަށް ކޮންމެހެން ވެސް ހިމަނަން ޖެހޭ މަޝްރޫއެކެވެ. ކާމިޔާބު ކަމާއެކު ބޮޑު ބަލިމަޑުކަމަކާ ކުރިމަތިލުން މިދަނީ ސަރުކާރުގެ ދެގޮތެއް ނުވާ ހަރުދަނާ ސިޔާސަތުތަކާ ހެދިއެވެ. މިކަމަށް ރައީސް ސޯލިހަށް ލައްކަ ޝުކުރެވެ.