ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް 2 އަހަރު ވި އިރު ކުރިމަތި ލާން ޖެހިފައި ވަނީ ދުނިޔެ މިހާތަނަށް ދެކިފައި ނުވާފަދަ ބަލިމަޑު ކަމަކާއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ދުނިޔެ ހަނގުރާމަ ކުރަމުން ދާތާ މިހާރު މި ވަނީ އަހަރެއް ވާން ގާތްވެފައެވެ. މި ބަލިމަޑުކަމުގެ ސަބަބުން އެންމެ ނޭދެވޭ އަސަރެއް ކުރާނެ އެއް ބަޔަކީ ކުރިއަށް އޮތް މުސްތަގްބަލުގެ ދަރިންނެވެ. އަންނަން އޮތް ޖީލެވެ. ކިޔަވަމުން އައި ގޮތް ބަދަލު ކުރަން މަޖުބޫރު ކުރި ކޮވިޑް-19ގެ ބިރުވެރި ކަމުގައި ތިބި ދަރިވަރުންނެވެ.

ގައިން ގަޔަށް އަރާ މި ވައިރަސް، އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގެ ތައުލީމީ ދާއިރާގައި މި ވަނީ ކަޅު ލައްގަނޑެއް ޖެހިފައެވެ. ރާއްޖެއަށް އައި ފުރަތަމަ ކޮވިޑް ރާޅުގައި ބަލި ޖެހުނު މީހުންގެ އަދަދު މަދުވި ނަމަވެސް ފުރަބަންދަށް ދިން ލުއިތަކާއެކު އަނެއްކާ ދެވަނަ ރާޅެއް އައިސް ވެގެން ދިޔައީ އެއްވެސް މީހަކު އުންމީދު ކުރި ގޮތަކަށް ނޫނެވެ. ސްކޫލުތަށްވެސް އަނެއްކާ ބަންދުކުރަން މަޖުބޫރުވީ ކޮވިޑް ގެ ބިރުވެރިކަން ރާއްޖޭގައި ބޮޑުވެގެން ދިއުމުންނެވެ.

ސިއްހީ މާހިރުންނާއި އެ ދާއިރާގެ އެތައް މަސައްކަތްތެރިންނެއްގެ ބުރަ މަސައްކަތުން ރާއްޖޭގެ މިކަމުން އަރައިގަނެ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެ މިހާރު މި ވަނީ އަނެއްކާވެސް މާލެ ސިޓީގެ ސްލޫކުތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނާއި އަތޮޅުތަކުގެ ހުރިހާ ގްރޭޑް ތަކެއްގައި އޮންލައިން ކޮށް ކިޔަވަމުން އައި ގޮތް ބަދަލުކޮށް ކްލާސްތަކަށް "ފޭސް ޓު ފޭސް" ކޮށް ކިޔަވައިދޭން ހުޅުވާލާފައެވެ. ސްކޫލުތައް ހުޅުވާލާ ކިޔަވައިދޭން ފަށާފައިވީ ނަމަވެސް ކޮލެޖް/ ޔުނިވާސިޓީތަކުގައި އަދިވެސް ކިޔަވަމުން ދަނީ އޮންލައިން ކޮށެވެ.

ކަން މިހިން އޮތްއިރު، ތައުލީމީ ދާއިރާގެ މަތީ ބޭފުޅުންނާއި ސަރުކާރުގެ އިސް ފަރާތްތަކުން ގަބޫލު ކުރައްވާ ގޮތުގައި ވޭތުވެދިޔަ 2 އަހަރަކީ، ދިމާވި ގިނަ ގޮންޖެހުން ތަކާއެކުވެސް ރާއްޖޭގެ ތައުލީމީ ހަޔާތުގައި ކާމިޔާބު 2 އަހަރެވެ.

އެޑިއުކޭޝަން މިނިސްޓަރު ދިގުހެދުމުގައި

ވޭތުވެ ދިޔަ 2 އަހަރު ރާއްޖޭގެ ތައުލީމީ ހަޔާތް:

މިދިޔަ 2 އަހަރު ތެރޭގައި ސަރުކާރުން ތައުލީމީ ދާއިރާއަށް ކޮށްފައިވާ މަސައްކަތަށް ބަލާއިރު، މިހާތަނަށް ޖުމްލަ 34 މަޝްރޫއެއް ހިނގަމުން ދެއެވެ. ޖުމްލަ 3 މަޝްރޫއެއް ނިމިފައި ވާއިރު، ޓެންޑާ ކޮށްފައިވާ 4 މަޝްރޫއެއް ވެއެވެ. އަދި އެވޯޑް ކޮށްފައިވާ އެއް މަޝްރޫއު ހިމެނެއެވެ. ޕްރީ ޓެންޑަރިންގް މަރުހަލާގައި 5 މަޝްރޫއެއް ވާއިރު، މަސައްކަތް މަޑުޖައްސާލާފައިވާ އެއް މަޝްރޫއު ވެއެވެ.

ސަރުކާރު ފެށުނު ތަނާހެން އައި ކޮވިޑްގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެވެސް ހުއްޓުމަކަށް އައެވެ. ނަމަވެސް ދަރިވަރުންގެ ކުރިމަގު ބަނަވިޔަ ނުދިނުމަށްޓަކައި ތައުލީމީ ދާއިރާ ހިންގުން ބަދަލުކުރިއެވެ. ރާއްޖެ ލޮކްޑައުނަކަށް ދިއުމާ ގުޅިގެން ދަރިވަރުންނާއި ޓީޗަރުން ގޭގައި ބަންދުވި ނަމަވެސް ކިޔެވުން ހުއްޓާ ނުލާ ކުރިއަށް ގެންދިޔައެވެ.

ކޮވިޑް-19އާއި ތައުލީމީ ދާއިރާގެ ނިއުނޯމަލް:

ކޮވިޑާ ގުޅިގެން ތައުލީމީ ދާއިރާއަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ޓެކްނޮލަޖީގެ ދާއިރާއިން އައިސްފައިވާ ބަދަލުތަކެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި ހާލަތަކީ އައިސްދާނެ ކަމަށް ތައްޔާރު ވެގެން ތިބި ހާލަތެއް ނޫން ކަމަށާއި ނަމަވެސް މިކަމުގެ ސަބަބުން ގިނަ ފިލާވަޅުތެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ކްލާހަކަށް ގޮސް ކިޔަވައިދިނުމާއި އޮންލައިންކޮށް ކިޔެވުމުގެ ތަފާތު ކަން އެނގިވަޑައިގެންފައި ވާ ކަމަށާއި މިހާރު ރާއްޖޭގެ މި ހާލަތުގައި ބާރު އަޅަނީ ދަރިވަރުން ސްކޫލަށް ފޮނުވައިގެން ކިޔަވައިދިނުމަށް ކަމަށް އޭނާ ވިދާޅުވެއެވެ. އަދި އެންމެ ބޮޑު އަމާޒަކީ ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދެވޭތޯ ބެއްލެވުން ކަމަށްވެސް މިނިސްޓައރު ވިދާޅުވިއެވެ.

އެގޮތުން ކޮވިޑްގެ ހާލަތުގައި ފުރަބަންދަކަށް ދިއުމާ ގުޅިގެން ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައި ދެވިފައި ނުވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ހާލަތުގައި އެންމެ ގިނަ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ލިބޭނީ ކޮން ގޮތަކުން ކަމާމެދު ސާވޭއެއް ހަދާފައިވާ ކަމަށެވެ. އެގޮތުން އެ ސާވޭއިން ދެއްކީ އޮންލައިން އަށް ވުރެ ބޮޑަށް ޓީވީއިން ކިޔެވުމުގެ ފުރުސަތު ގިނަ ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.

ދަރިވަރުންގޭގައި ތިބެގެން ފިލާވަޅު ހަދަން މަސައްކަތް ކުރަނީ

އެހެންކަމުން އެންމެ ފުރަތަމަ "ޓެލި ކިލާސް" ޓީވީ މެދުވެރިކޮށް ނަގައިދޭން ފެށި ކަމަށާއި އަދި މަތީ ގްރޭޑްތަކަށް އޮންލައިންކޮށް ކިޔަވައިދޭން ފެށި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި އެ މަސައްކަތް ކާމިޔާބު ވާނެ ކަމަށާއި ނަމަވެސް އެ ކަމުގެ ނަތިޖާ ލިބުމަށް ވަގުތު ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޮންލައިން ކްލާސްތަކަށް ނިމުމެއް އައީ ރާއްޖޭއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވުމާ ގުޅިގެންނެވެ. 3 މަސް ދުވަހަށް ފަހު ސްކޫލުތައް އަލުން ހުޅުވާލި އިރު ގެނެސްފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި ސަރުކާރުން ދެމުން ދިޔަ ހިލޭ ނާސްތާ ޕްރޮގްރާމު ހުއްޓާލައި، ދަރިވަރުންނަށް ރަނގަޅަށް ސައި ދިނުމަށް ފަހު ސްކޫލަށް ފޮނުވުމަށް އެޑިއުކޭޝަނުން އިލްތިމާސް ކުރިއެވެ.

ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު (މ) ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކަކާއި ވާހަކަ ދައްކަނީ / ފޮޓޯ: އެޑިއުކޭޝަން

މީގެއިތުރުން ކޮންމެ ކުއްޖަކު ސްކޫލަށް ވަންނައިރު ކުއްޖާގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލުމާއި ކޮންމެ ކްލާހެއްގައި މީގެކުރިން 30 ކުދިން ކިޔެވުމަށް ތިބި ނަމަވެސް ތިން ފޫޓުގެ ދުރު މިނަކާ އެކު ކްލާހެއްގައި ތިބޭނީ 15 ދަރިވަރުން ކަމަށްވެސް ކަނޑައެޅުން ހިމެނެއެވެ. އަދި ސްކޫލުގެ އެކި ހިސާބުތަކުގައި ކުދިންނަށް އަތް ދޮވެވޭނެ އިންތިޒާމުތައް ހަމަޖައްސުމާއި މީގެކުރިން ހަފްތާއަކު ފަސް ދުވަހު ކިޔަވައިދިން ނަމަވެސް އާ އާއްމު ހާލަތުގައި ދަރިވަރުންނަށް ކިޔަވައިދެމުން ދަނީ ހަތަރު ދުވަހެވެ. އަދި ކިޔަވައި ދޭނީ ހަތަރު ގަޑިއިރަށެވެ.

އިސްކަންދަރު ސްކޫލަށް ވަންނައިރު ކުއްޖާގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލަނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ބައެއް ޓީޗަރުން ބުނި ގޮތުގައި މިއީ ދުވަހަކުވެސް އައިސްދާނެ ކަމަށް ގަބޫލު ކޮށްފައިވާ ހާލަތެއް ނޫން ކަމަށާއި ކުދިންގެ އުޅުމަށް އެކަމުން ވަރަށް ބޮޑެތި ބަދަލު ތަކެއް އަންނާނެއެވެ.

4 މަސްވީ އިރުވެސް ވަރަށް އުނދަގޫ ކިޔަވައިދޭން، އަދިވެސް ކުދިންނަށް ނޭނގޭ ރަނގަޅަށް މާސްކް އަޅައިގެން ވާހަކަ ދައްކާކަށް، ކިޔަވައިދޭންވެސް އެޅުނު ހުރަހެއް ކަންނޭނެ މިއީ، އެއް ފަހަރު ބުނާ އެއްޗެއް ޓީޗަރަށް ނޭނގުނީމަ ދެވަނަ ފަހަރަށް އެހީމަ ބައެއް ކުދިން ނުބުނެދޭ ކީކޭ ކަމެއް އެ ބުނީ
ޓީޗަރެއް

ތައުލީމީ ބިލު:

ތައުލީމްގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގް ކުރެއްވީ މިމަހުގެ 10 ވަނަ ދުވަހެވެ. އެ ބިލުގައި ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާ ބައްޓަން ވާން ޖެހޭ ގޮތުގެ ފުރިހަމަ ނިޒާމެއް ލިޔެފައެވެ. ތައުލީމީ ގާނޫނުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެ ގާނޫނުގެ ސަބަބުން އުނގެނުމުގެ ހައްގު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރު ކޮށްދީ މުދައްރިސުންގެ ހައްގުތައް ރައްކާތެރި ކޮށްދޭނެ ނިޒާމަކަށް ވެގެންދާނެ ކަމަށެވެ.

ތައުލީމުގެ އަސާސް ލިޔެވިފަ ހުރުމުން ހުރިހާ މީހުންނަށް މިކަން މާނަކުރުމުގައި އެއްގޮތަކަށް އަމަލުކުރެވޭނެ. ގާނޫނު ހެދުމުގައި ރައްޔިތުންގެ ބައިވެރިވުން އެބައޮތް، އެއީ މުހިންމުކަމައް. ތައުލީމު ދެނީ ރައްޔިތުންގެ ޓެކުހުން، އެހެންވީމަ އެދޭ ހިދުމަތް ރަނގަޅު ނޫންނަމަ އެކަމަށް ފައިދާ ކުރުމުގެ ހައްގު ރައްޔިތުންނަށް ލިބިދޭ. ގާނޫނެއްގޮތަށް ލިޔެވިފައި އޮތުމުން، އެއީ ފަސޭހައިން ބަދަލުކުރެވޭނެ އެއްޗެއް ނޫން. އެހެންކަމުން ރަނގަޅު ގާނޫނެއް އޮވެއްޖެނަމަ ކޮންމެ ސަރުކާރެއް އަޔަސް އެ ކަންކަން ރަނގަޅަށް ތަންފީޒްވެގެންދާނެ
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ

މީގެ އިތުރުން އެ ގާނޫނުގައި އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައި ދޭ އަދި އިސްލާމީ ޝަރީއަތާއި އަގީދާއާ ފުށު ނާރާނެހެން އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމަށާއި އާންމުކޮށް އެންމެންގެ މެދުގައި ސުލްހަ މަސްލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައި ދީ އެކަންކަމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޮންމެ ކުއްޖަކަށްވެސް ތައުލީމު ލިބެންޖެހޭ އުމުރުގައި ވަޒީފާއަށް ފޮނުވައިގެން ނުވާނެކަމަށާއި ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހިލާފު ނުވާ ގޮތަށް ތައުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ހޯދުމަށް ބެލެނިވެރިޔާގެ ހުއްދައާއެކު، ކުއްޖާގެ އުމުރާ ގުޅޭ ވަޒީފާއަކަށް ދިއުމަށް ހުރަހެއް ނޯންނާނެ ކަމަށް ގާނޫނުގައި ވެއެވެ.

ތާޖުއްދީން ސްކޫލުގެ ދަރިވަރުންނާ މިނިސްޓަރު ބައްދަލުކުރައްވަނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ތައުލީމުގެ އެ ބިލުގައި ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔެވުމުގެ ހައްގު ހޯދައިދިނުމާއި ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތެއްގެ ދަށުން ރާއްޖޭގައި އުޅޭ ބިދޭސީ ދަރިވަރުންނަށް ވެސް ހިލޭ ކިޔަވައި ދެވޭނެ ގޮތް ހެދުން ހިމެނެއެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެންމެ ބޮޑު ބަދަލެއް އަންނާނެ އެއް ބަޔަކީ ޓީޗަރުންނެވެ. އެގޮތުން އެ ގާނޫނާއެކެ ހުރިހާ މުދައްރިސުންގެ އަތުގައި ކިޔަވައިދިނުމަށް ލައިސަންސެއް އޮތުން މަޖުބޫރު ވެއެވެ. ސަރުކާރުގެ ސްކޫލުތަކުގެ އިތުރުން އެހެން ތަނެއްގައި ކިޔަވައިދޭ މުދައްރިސަކު ކަމުގައި ވިޔަސް އެ ލައިސަންސް އޮންނަން މަޖުބޫރެވެ. މީގެ އިތުރުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ އަހަރެއްގެ ތެރޭގައި ޓީޗަރުން ރަޖިސްޓްރީ ކުރުމާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް، "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓަރު ބޯޑެއް އުފައްދަވަން ޖެހެއެވެ. އަދި އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު ހިދުމަތުގައި ތިބި މުދައްރިސުން އެ ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަން ޖެހެއެވެ.

ތާޖުއްދީން ސްކޫލުގެ ޓީޗަރުންނާއެކު މިނިސްޓަރު އައިޝަތު އަލީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރައީސް ސޯލިހް އެ ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން ތައުލީމުގެ ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އެ ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުގެ ފަހުން އެންމެ އަވަހަށް ފެށޭ ދިރާސީ އަހަރު ފެށޭ ތާރީހުގައެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގައެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ޕްރީ ސްކޫލު ހިންމުމުގެ ގާނޫނު" އުވާލެވޭނެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް:

2021 ވަނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ހިމަނައިފައި ވާއިރު، އެއީ ދައުލަތުގެ ބަޖެޓުގެ 11 ޕަސެންޓެވެ. އެ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ 11 ޕަސެންޓް، ތައުލީމީ ދާއިރާއަށް ހާއްސަ ކޮށްފައި އޮތް އޮތުން ވެގެން ދަނީ ވަރަށް އުންމީދީ ކަމެއް ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ފެންވަރު ރަނގަޅު ތައުލީމެއް ރާއްޖޭގެ 5 ސަރަހައްދުން ވެސް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށާއި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، ބަދަލުތަކަކާއެކު އިތުރަށް ހަރުދަނާ ކޮށް އަންނަ އަހަރުވެސް ކުރިއަށް ގެންދިއުން ކަމަށެވެ. އެ 5 ސަރަހައްދު ކަނޑައެޅުމުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވެމުން ދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ

އަދި ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް ވަރަށް ބޮޑު އަދަދެއް ހިމަނާފައި ވާ ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ ހިދުމަތެއް ގާއިމް ކުރުމަށް ކަމަށެވެ. އެގޮތުން ރަނގަޅު ތައުލީމެއް ހާސިލް ކުރުމަށް މާލެއަށް އަންނަން ޖެހޭ އައުން ހުއްޓާލައި އަމިއްލަ ރަށުގައި ތިބެގެން ކިޔަވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން "ވަށާޖެހޭ ތައުލީމު" ނުވަތަ އެއް ދަންފަޅިއަށް ސްކޫލުތައް ހިންގުމާ ގުޅޭގޮތުން މިނިސްޓާ ވިދާޅުވީ އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށާއި، އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކި ރަށްރަށުގެ ސްކޫލު ހޯލުތައް ގާއިމް ކުރުމަށް ނިންމާފައި ވާކަމަށެވެ. މީގެ އިތުރުން މާލެ ސަރައްދުގައި ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލަކާއި ޕްރީ ސްކޫލެއް އެޅުމުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުން ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެ ބަޖެޓަކީ އިގްތިސާދީ ހަރަކާތްތައް ފުޅާވަމުން ދާ ދަނޑިވަޅެއްގައި ބޭނުންވާ ވޯކްފޯސް ބިނާކުރުމަށާއި، ތައުލީމަށްޓަކައި ހިޖުރަ ކުރަން ޖެހޭ މިންވަރު ކުޑަކުރުމަށް އިސްކަން ދީގެން ކަނޑައެޅިފައިވާ ބަޖެޓެއް ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު / ފޮޓޯ: މަޖިލިސް

ތައުލީމީ ދާއިރާއަކީ އެއް ދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ 114 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާ ކަމަށާއި އޭގެ ތެރޭގައި ސްކޫލު ތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ހަރަދު ކުރެވޭނެ ކަމަށެވެ. އަދި ތައުލީމީ ދާއިރާއަށް ކުރެވޭ ހޭދައިން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށައި ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން އިސްކަންދީގެން ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށާޖެހޭ ތައުލީމީ ނިޒާމަކަށް ވާސިލްވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް އެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު އަމީންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރުގެ އަމާޒަކީ، ފެންވަރު ރަނގަޅު ތައުލީމެއް ރާއްޖޭގެ 5 ސަރަހައްދުން ވެސް ލިބޭނެ މަގު ފަހިކޮށްދިނުން، މީގެއިތުރުން ހެނދުނުގެ ނާސްތާ ޕްރޮގްރާމް، ބަދަލުތަކަކާއެކު އިތުރަށް ހަރުދަނާކޮށް އެފިޝަންޓްކޮށް އަންނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބަޖެޓުކުރެވިފައިވޭ
ފިނޭންސް މިނިސްޓަރު އަމީރު

މީގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއާ ކޮލެޖު ގާއިމް ކުރުމަށާއި، ގައުމީ ޔުނިވާސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް ވެސް ބަޖެޓުގައި ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަތި އުނދަގޫ ކަމާއެކުވެސް ސަރުކާރުން މިއަދު މިވަނީ، މައިންބަފައިންނާއި އާއިލާ މީހުންގެ ގާތުގައި ތިބެ ދުޅަހެޔޮ ކަމާއި އެކުގައި ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އަމާޒު ހިފާފައެވެ.