އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިންގަން ރާވާފައި ހުރި ބޮޑެތި މަޝްރޫއުތަކަށް މިހާރު ވެސް ހުރީ ފައިސާ ހަމަޖެހިފައި ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބަޖެޓުގައިވާ ބޮޑެތި މަޝްރޫއުތަކަށް ފައިސާ މިހާރު ވެސް ހަމަޖެހިފައިވާކަން ބަޖެޓު ރަނގަޅަށް ބަލައިފި ނަމަ ސާފުވާނެ ކަަމަށެވެ.
އެގޮތުން މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެ، ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅުވައިލުން މިސާލެއްގެ ގޮތުގައި އަމީރު ވަނީ ދެއްވާފައެވެ.
އޭގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީން އެ މަޝްރޫއަށް 400 މިލިޔަން ޑޮލަރު އަދި އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަންް ޑޮލަރު ހަމަޖެހިފައިވާ ކަން އަމީރު ވަނީ ވިދާޅުވެފައެވެ.
އަމީރު ވިދާޅުވީ ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއަށް ވެސް މިހާރު ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.
އަމީރު އިތުރަށް ވިދާޅުވީ ކޮވިޑާއި ގުުޅިގެން މިހާރު އޮތް ހާލަތުގައި ރާއްޖޭގެ އިގްތިސާދުގެ ސިޔާސަތަށް ގެންނަ ބަދަލެއްގެ ސަބަބުން ދިގު މުއްދަތުގެ ގެއްލުން ލިބިގެންދާނެ ކަމަށެވެ. އެގޮތުން ލިބޭ އާމްދަނީ އާއި އެއްވަރަށް ބަޖެޓް ކުޑަކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މައްސަލަ ތަކާއި ކުރިމަތިލާން ޖެހޭނެ ކަން އަމީރު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.
އޭގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި 17.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓް ޑެފިސިޓްގެ ގޮތުގައި ލަފާކޮށްފައި ވަނީ 15.5 ބިލިއަން ރުފިޔާއެވެ.