އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް އަނބުރާ ގެންގޮސް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރޭޑްވޭވް ސަލީމް) ގޮވާލައްވައިފިއެވެ.

މިއަދު މަޖިލީހުގައި ބަޖެޓް ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ބަޖެޓު ފާސްކުރާއިރު ކަންކަން ކުރަން ޖެހޭނީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފައިދާވާ ގޮތަކަށް ކަމަށެވެ.

ސަލީމް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ ރާއްޖޭގެ އިގްތިސާދު ދަށްވުމުގެ ސަބަބުން ރައްޔިތުުންގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓް ކުރަން ރަނގަޅު ނުވާނެ ކަމަށާއި މުޅި ބަޖެޓް ބިނާ ކުރަން ވާނީ މި ހާލަތުން ރައްޔިތުން ސަލާމަތް ކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މި ދަންވާ އެއްޗަކީ މި ބަޖެޓް އަނބުރާ ގެންދާށޭ. ގެންގޮސް 25 ބިލިއަނަށް މި ބަޖެޓް ކުޑަކޮށްގެން އަނބުރާ މަޖިލީހަށް ގެންނާށޭ
މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ސަލީމް

ސަލީމް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ލިބޭ އެއްޗެއް ނޫން ކަމަށާއި އެއްވެސް އަހަރެއްގައި އެއީ ލިބޭ އެއްޗެއް ނޫން ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓް 20 ބިލިއަނަށް ޑެފިސިޓްވެގެންދާނެ ކަމަށް ސަލީމް ވިދާޅުވުއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި 17.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓް ޑެފިސިޓްގެ ގޮތުގައި ލަފާކޮށްފައި ވަނީ 15.5 ބިލިއަން ރުފިޔާއެވެ.