ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ދިފާއުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނިކުމެވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މީހަކު ފޮނުވި ސުވާލެއްގައި ވަނީ މިނިސްޓަރު ކަން ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަކަށް ވުމުން ކަމަށް ގަބޫލުކުރައްވާތޯ ސުވާލު ކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ވަކި މީހެއްގެ އަތްބަކަށް ވެގެން ކެބިނެޓްގެ ވަޒީރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަނު ކުރައްވާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިނިސްޓަރު ނަހުލާގެ އެޖަވާބަށް ތާއީދު ކުރައްވާ މިނިސްޓަރު މާރިޔާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީ ހިންގާ ގޮތާ މެދު ރައްޔިތުންގެ ޝަކުވާ ތަކެއް އޮތް ކަމަކަށް ނުފެންނަ ކަމަށެވެ. އެގޮތުން މަޖިލީހުން އެދޭ ކޮންމެ ފަހަރަކު މިނިސްޓަރު ނަހުލާ ފުރިހަމައަށް ޖަވާބު ދެއްވާފައިވާ ކަން މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮރަޕްޝަން އެލިގޭޝަން އެއް ނެތް، އެމީހަކީ ކާކުކަން މުހިންމެއް ނޫން، މުހިންމީ މީހާ ކުރާ މަސައްކަތް!
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ނަހުލާ އަށް މިނިސްޓަރުކަން ހޯދުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސް ސޯލިހަށް ހުށަހެޅުއްވީ ގާސިމް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މީގެ ކުރިން ސިޔާސީ މަޝްރަހުން ނަހުލާ ނުފެންނަ ކަމަށާއި، މިނިސްޓަރުކަން ލިބުނީ ގާސިމްގެ އަބިކަނބަލުންނަށް ވީތީ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.