އިރުމަތީ އޭޝިއާގެ ގައުމުތަކަށް ކުރިމަތިވެފައިވާ ވާ ތޫފާން ވެމްކޯ (އުލީސެސް) ގައި ފިލިޕީންސްއިން މަރުވި މީހުންގެ އަދަދު 37 އަށް އަރައިފިއެވެ.

ފިލިޕީންސްގެ ޑިޒާސްޓާ މެނޭޖްމަންޓް އޭޖެންސީއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަލަށް ބަލާއިރު، އެ ގައުމުގެ 4 ސަރަހައްދަކުން މީހުން ވަނީ މަރުވެފައެވެ. 15 މީހަކަށް ވީ ނުވީއެއް ނޭނގި ގެއްލިފައި ވާއިރު 22 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ތޫފާން ވެމްކޯއާ ގުޅިގެން ފިލިޕީންސްއިން މަރުވި މީހުންނާ ޒަހަމްވީ މީހުންނާއި އެފަދަ ތަފާސް ހިސާބުތަކުގައި އެކި އިދާރާތަކުން އާންމު ކުރާ ތަފާސް ހިސާބުތަކުގައި ފަރަގުތަކެއް އުޅެއެވެ. މިކަން މިހެން ދިމާވަނީ، ރަސްމީ އިދާރާތަކުން މައުލޫމާތު ކަށަވަރު ކުރުމަށް ވަގުތު ހޭދަވާތީ ކަމަށް މައުލޫމާތު ލިބެއެވެ. ބައެއް އިދާރާތަކުން 40 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑް ކޮށްފައި ވާއިރު، އަނެއް ބައި އިދާރާތަކުން އާންމު ކުރާ އަދަދު އުޅެނީ 50 އަށް ވުރެ މަތީގައެވެ.

ފިލިޕީންސްއަށް މިހާރު ކުރިމަތިވެފައި ވާ ތޫފާނާ ގުޅިގެން ބައެއް ލޯކަލް ގަވަމަންޓްތަކުން ވަނީ، ކާރިސާގެ ހާލަތު އިއުލާންކޮށްފައެވެ.

ތޫފާން ވެމްކޯ ވިއެޓްނާމްއާ ގާތަށް ދަތުރު ކުރަމުން ދާއިރު، އެ ގައުމުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެއާޕޯޓްތައް ބަންދުކޮށް، މަހަށް ދިއުން ވެސް ވަނީ މަނާ ކޮށްފައެވެ. ގަޑިއަކު 60 މޭލު ބާރުމިނުގައި ވައިޖެހެމުންދާ ތޫފާން ވެމްކޯ، ވިއެޓްނާމަށް އަރާނެ ކަމަށް ލަފާ ކުރެވެނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.