ބޭންކް އޮފް މޯލްޑިވްސް އިން އދ. ދިގުރަށުގައި ސެލްފް ސާވިސް އޭޓީއެމްއެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލްގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިގުރަށުގައި ސެލްފް ސާވިސް ބޭންކެއް ގާއިމްކޮށް ރަސްމީކޮށް ހުޅުވާފައިވަނީ ހުކުރުދުވަހުގެ ރޭގައެވެ.

އެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އެ ހިދުމަތާއެކު އދ. އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ތިން ރަށަކުން މިހާރު ހިދުމަތް ލިބޭނެއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބީއެމްއެލް އިން ދާދި ފަހުން އއ. އުކުޅަސް، ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށި އަދި އއ. ތޮއްޑޫގައި ވެސް ވަނީ 24 ގަޑިއިރުގެ ހިދުމަތްދޭ ސެލްފް ސާވިސް އޭޓީއެމް ހުޅުވައިފައެވެ.

ބީއެމްއެލް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.