ތަރައްގީވަމުން އަންނަ ގައުމުތަކަށް އެއްވެސް ޝަރުތަކާ ނުލާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖީ20ގެ ގައުމުތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަނެއްކާވެސް ގޮވާލައްވައިފިއެވެ.

ޝާހިދު މިހެން ގޮވާލެއްވީ ޖީ 77 ޕްލަސް ޗައިނާގެ ހާރިޖީ ވަޒީރުންގެ 44 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ކޮވިޑް 19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، 2030 އެޖެންޑާ އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮވިޑްގެ ސަބަބުން އެޅިފައިވާ ހުރަސްތައް"، މި ޝިއާރުގެ ދަށުން މިއަހަރުގެ ޖީ77 ޕްލަސް ޗައިނާ ބައްދަލުވުން ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. މި ބައްދަލުވުމުގައި ޖީ77 ޕްލަސް ޗައިނާގެ މެންބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސޯދަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެކަން ފާހަގަކުރައްވައި، މިނިސްޓަރު ޝާހިދު ވަނީ ޖީ-20ގެ ގައުމުތަކުން އިސްނަގައިގެން ފެށި ޑެޓް ސާވިސް ސަސްޕެންޝަން އިނީޝީއޭޓިވްއަށް މަރުހަބާ ވިދާޅުވެފައެވެ. މިނިސްޓަރު ޝާހިދު ވަނީ އދގެ އާންމު މަޖިލީހުގައި ވެސް ގޮވާލެއްވި ފަދައިން، ޖީ20ގެ ގައުމުތަކަށް ދަރަނި ދެއްކުން 2021 ވަނަ އަހަރުގެ ނިޔަލަށް ފަސްކުރުމަށާއި، އިތުރު ޝަރުތަކާ ނުލާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ބައްދަލުވުމުގައި ވެސް ގޮވާލައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް19 ގެ ބަލިމަޑުގައި މަލްޓިލޭޓަރިޒަމްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި "ސަޕްލައި އެންޑް ޑިމާންޑް" އަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސޯދަށް މިހާރަށްވުރެ ބޮޑު އަސަރެއް ކުރާނެ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ފަގީރުކަން އިތުރުވެ، އާމްދަނީގެ ފަރަގު އިންތިހާއަށް ބޮޑުވެ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މާލީ އިދާރާތަކުންނާ ޑިވެލޮޕްމަންޓް ބޭންކްތަކުން ކޮންސެޝަނަލް ފައިނޭންސިން ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް ހަދައިދިނުމަށް ޖީ77 އިން ބާރުއެޅުމަށް ވެސް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޖީ-77ގެ ގައުމުތަކުން އެއް ގައުމުން އަނެއް ގައުމަށް ވެދިން އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ތައުރީފް ކުރެއްވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކި ގައުމުތަކުގައި ފުރަބަންދުތަކުގެ ސަބަބުން އަނިޔާގެ ރިޕޯޓްތައް އިތުރުވިކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އަނިޔާގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހެލްޕްލައިންތަކާ ހިޔާތަކުގެ އިތުރުން އެމެޖެންސީ ފަންޑްތަކުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަމެއް ދޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު 2030 އެޖެންޑާ ހާސިލްކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ ޕްރޮޖެކްޓްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުން މުހިއްމުކަމަށް ވިދާޅުވިއެވެ. ގްރޫޕް އޮފް 77 އެންޑް ޗައިނާއަކީ ތަރައްގީވަމުން އަންނަ އދގެ މެންބަރު 134 ގައުމެއްގެ މައްޗަށް އެކުލެވޭ ކޯލިޝަނެކެވެ.