ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ހިލޭ ދިނުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާއި ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ ވެކްސިން ހޯދައިދިނުމަށްޓަކައި ކޮވިޑްގެ ވެކްސިން ދުނިޔެއަށް ފޯރުކޮށްދޭން ހަރަކާތްތެރިވާ ކޯވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް ވެކްސިން ހިލޭ ދިނުމާއި މެދު ސަރުކާރުން އަދި ގޮތެއް ނިންމާފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވެކްސިން ހިލޭ ޖެހުމުގެ ސަގާފަތް ޕްރޮމޯޓް ކުރުން ރަނގަޅު ނޫން ކަމަށް އެބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ފިސްކަލް ޑިޕާޓްމެންގެ ހެޑް އަހްމަދު ސަރުވާޝް އާދަމް ވަނީ އެދިފައެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިނޭޓް ކުރެވުމުން ކަމަށް ސަރުވާޝް ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު މިނިސްޓަރު އަމީރު ސަރުކާރުން އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގެ ތަފްސީލުތައް މަޖިލީހުގައި ދެއްވައިފައިވާއިރު މިނިސްޓަރު އަމީރު ވަނީ އަންނަ އަހަރަށް ބަޖެޓު ހުށަހަޅާފައި ވަނީ ކޮވިޑް-19އަށް ވެކްސިނެއް ހޯދިއްޖެ ނަމަ އެ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް ޖާގަ އޮންނަ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

މާތް ﷲ ގެ އިރާދަފުޅާއެކު މި ބައްޔަށް 2021 ވަނަ އަހަރުގައި ވެކްސިންއެއް ފެނިއްޖެނަމަ މި ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޖާގަ ދެވިފައިވާނެ
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ކޮވިޑް އާ ގުޅިގެން މި އަހަރު ސަރުކާރުން ބޮޑެތި ހަަރަދުތަކެއް ކުރަން ޖެހުނެވެ. އެގޮތުން ކޮވިޑް-19އާ ދެކޮޅަށް ހިންގި ސިއްހީ އޮޕަރޭޝަނަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އިކޮނޮމިކް ރިލީފަށް 1.1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ. ކޮވިޑް-19އާ ގުޅިގެން ދައުލަތުން މި އަހަރު ކުރި ހަރަދުތައް 2.4 ބިލިއަން ރުފިޔާއަށް އަރައެވެ.