ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ، ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އެ ކުންފިނިން ތަރައްގީ ކުރަމުން އަންނަ ވެކްސިންގެ ދިރާސާތަކުގެ ތަފާސް ހިސާބުތައް، ފުރަތަމަ މުރާޖައާއަށް ތައްޔާރުކޮށް ނިމިފައި ވާ ކަމަށާ، ވެކްސިންގެ ކާމިޔާބީއާ ބެހޭ ގޮތުން މިމަހު ފަހުކޮޅު ކޮންމެވެސް އެއްޗެއް ބުނެވޭ ވަރު ވާނެ ކަމަށް މޮޑާނާ ކުންފުނިން ބުނެފިއެވެ.

މޮޑާނާއިން ދަނީ ކުލިނިކަލް ޓްރަޔަލް މަރުހަލާގައި އޮތް ވެކްސިންގެ ތަހުލީލުތަކުގައި 30000 މީހުން ބައިވެރިކޮށްގެން ޓެސްޓުތައް ކުރަމުންނެވެ. ބައިވެރިންގެ ތެރެއިން 2 ބައިކުޅަ 1 ބައި މީހުންނަށް ދެނީ މޮޑާނާއިން ތަރައްގީ ކޮށްފައި ވާ ވެކްސިނެވެ. އަނެއް ގުރޫޕަށް ދެނީ ޕްލަސީބޯ ނުވަތަ އެއްވެސް އަސަރެއް ނުފޯރާ ސޭލީން ސޮލޫޝަންއެކެވެ.

ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: ވިޔަޗެސްލޭފް ޕްރޮކޮފްޔޭފް

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މޮޑާނާގެ ވެކްސިނަށް ރުހުން ދިނުމަށްޓަކައި، މޮޑާނާ ވެކްސިންގެ ބައިވެރިންގެ ތެރެއިން 53 ބައިވެރިއަކަށް ކޮވިޑް-19 ޖެހެންޖެހެއެވެ. މޮޑާނާއަށް މި ފާހަގަ ހުރަސް ކުރެވުނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ނަމަވެސް، ބަލި ޖެހުނީ ޕްލަސީބޯ ބޭނުން ކުރި ގުރޫޕުގެ ބައިވެރިއެއް ކަމެއް، ނުވަތަ ވެކްސިން ދިން ގުރޫޕުގެ ބައިވެރިއެއް ކަމެއް މޮޑާނާއަކަށް ނޭނގޭނެއެވެ.

ދެން ވާނީ ކިހިނެއް؟

މޮޑާނާއިން މިހާރު މަސައްކަތް ކުރަމުންދަނީ ޑޭޓާ އެންޑް ސޭފްޓީ މޮނިޓަރިންގް ބޯޑަށް، ރެކޯޑްތައް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. ބަލިވި ބައިވެރިންގެ ތެރެއިން ޕްލަސީބޯ ބޭނުން ކުރީ ކިތަށް ބައިވެރިންކަމާ، ވެކްސިން ބޭނުން ކުރީ ކިތަށް ބައިވެރިންކަން ހޯދާނީ މި ބޯޑުންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ބައިވެރިންގެ ތެރޭގައި ގިނައީ ޕްލަސީބޯ ބޭނުން ކުރި ގުރޫޕުގެ މެމްބަރުން ކަމަށް ވަނީ ނަމަ، މޮޑާނާގެ ވެކްސިނަކީ ކާމިޔާބު ވެކްސިނެއް ކަމަށް ނިންމާނެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކުރާ ވެކްސިން ތަޖުރިބާކުރަމުންދާ އިއާން ހޭޑަން/ފޮޓޯ: ޓްވިޓާ

މޮޑާނާއިން ލަފާ ކުރާ ގޮތުގައި، ޑޭޓާ އެންޑް ސޭފްޓީ މޮނިޓަރިންގް ބޯޑުގެ ބަޔާން، މި ހިނގާ ނޮވެމްބަރު މަހުގެ ފަހުކޮޅު ލިބޭނެއެވެ. މޮޑާނާއިން ގަބޫލުކުރާ ގޮތުގައި، މި ކަން އިއުލާން ކުރެވޭއިރު ބައިވެރިންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ ޕޭޝަންޓުންގެ އަދަދު 53 އަށް ވުރެ މާ ގިނަ ވާނެއެވެ.

ފައިޒާގެ ވާހަކަ

ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައި ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ އިރު، އެމެރިކާގެ ފައިޒާ ކުންފުނިން ވަނީ، ކޮވިޑް-19އަށް ހާއްސަކޮށްގެން އެކުންފުނިން ތަރައްގީ ކުރި ވެކްސިނަކީ 90 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ބުނެފައެވެ. ފައިޒާ ކުންފުނިން މިކަން ހާމަ ކުރީ، އެ ކުންފުނީގެ ވެކްސިންއާއި ޕްލަސީބޯ ތަޖުރިބާކުރި 43000 ބައިވެރިންގެ ތެރެއިން، ކޮވިޑް-19 ޖެހުނު 94 ކޭހުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާ ކޮށެވެ.

ރަޝިއާގެ "ސްޕަޓްނިކް-5"ގެ ވެކްސިން ކާމިޔާބު ކަމަށް ނިންމީ، އެންމެ 20 ކޭހާއެކުގައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް 100 އަށްވުރެ ގިނަ ވެކްސިން ކެންޑިޑޭޓެއް ރަޖިސްޓްރީ ކޮށްފައި ވާއިރު، އާންމު ބޭނުންތަކަށް ވެކްސިން އުފެއްދުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އެންމެ ފަހު މަރުހަލާގައި އޮތީ މީގެ ތެރެއިން 10 ކެންޑިޑޭޓެކެވެ. ބައެއް ވެކްސިންތައް، ވަކި ހާއްސަ ގުރޫޕުތަކެއްގެ ބަޔަކަށް ދޭން ފެށި ކަމުގައި ވީ ނަމަވެސް، އަދި މިހާތަނަށް އެއްވެސް ވެކްސިނަކަށް ޑަބްލިއުއެޗްއޯގެ އިޒުނައިގެ ސިއްކަ ދޫކޮށްފައި ނުވާ ކަން ވެސް ފާހަގަކުރަންޖެހެއެވެ.