ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ހިތާބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެ، ރައްޔިތުންގެ އުންމީދު އާވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ ޖުމްހޫރި ދުވަހާ ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ. އެގޮތުން ދުވަހުގެ ތަހުނިޔާ ހުރިހާ އެންމެނަށް އަރިސްކުރައްވަމުން ރައީސް ވިދާޅުވީ މިއަދުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެ، ރައްޔިތުންގެ އުންމީދު އާ ވާނެ ކަމަށެވެ.

ﷲ އިދާރަފުޅު ކުރެއްވިއްޔާ ރަނުން ރަނަށް ވައުދުތައް ފުއްދޭނެ، ޝުކުރިއްޔާ ރައީސް
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ތައުލީމީ ދާއިރާއިން އަންނަ އަހަރު ފަށާނެ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްފައެވެ. އެގޮތުން އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތައުލީމީ ނިޒާމެއް ގާއިމުކުރުމަށް ވަސީލަތްތައް ތަރައްގީކުރާނެކަން ރައީސް ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްގީކުރުމާއި ޖޫނިއާ ކޮލެޖް ގާއިމްކުރުމާއި ޕޮލިޓެކްނިކްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ސިއްހީ ދާއިރާއިން ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫއެއް އަންނަ އަހަރު އަތޮޅުތަކުގައި ކުރިއަށް ގެންދިއުމާއި، ސަރުކާރުން ފަށާފައިވާ ފަސް ޓަޝަރީ ހޮސްޕިޓަލް ތަރައްޣިކުރުމުގެ މަޝްރޫޢޫގެ ފައިދާ އަންނަ އަހަރުގެ ތެރޭގައި ލިބެން ފަށާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އިގްތިސާދު ސިންދަފާތު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާނެ ބައެއް މަޝްރޫއުތަކުގެ ތަފްސީލު ވެސް ވަނީ ހިއްސާކުރައްވާފައެވެ. އަދި ސާފު ބޯފެން ލިބުމާއި ރައްކާތެރި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިހާތަނަށް ނުފެށި ހުރި ރަށްރަށުގައި، އަންނަ އަހަރު އަމަލީ މަސައްކަތް ފަށައި 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ ހިދުމަތް ގާއިމްކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް އެކި ދާއިރާތަކުން އަންނަ އަހަރު ކުރިއަށްގެންދާނެ ތަފާތު މަޝްރޫއުތަކާއި ކަންކަންކަމުގެ މައުލޫމާތުތައް ރައީސްގެ ހިތާބުގައި ވަނީ ހިއްސާކުރައްވާފައެވެ.