ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިފަހުން ފާއިތުވި 2 އަހަރު ދުވަހު ކުރެވުނު ބައެއް މަސައްކަތްތަކުގެ ކުރު ހުލާސާއެއް އެމަނިކުފާނު އިއްވަވައިފިއެވެ.
މިކުރު ހުލާސާ އެމަނިކުފާނު އިއްވަވާފައި ވަނީ މިއަދު ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްޤީގެ މަޝްރޫއުތައް ވެސް މުޅިން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ސަރުކާރުން ސަމާލުކަން ދެމުންދާ ކަމަށެވެ. އެގޮތުން ގައުމީ ތަރައްގީގެ 372 މަޝްރޫއެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫއެއް މިހާރުވެސް ހިނގަމުންދާ ކަމަށާއި، އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއްކަމަކީ މީހުން ބިނާކުރުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްގީ ކުރުމަށާއި، ޖޫނިއާ ކޮލެޖް ގާއިމުކުރުމަށާއި، ޕޮލިޓެކްނިކްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް، އަންނަ އަހަރު ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަށް ގައުމީ ފެންވަރުގައި ހާއްސަ ސަމާލުކަމެއް ދީގެން ކުރަން ފެށި މަސައްކަތް އިތުރަށް ފުޅާކޮށް، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ހިދުމަތް، އަންނަ އަހަރުގެ ތެރޭގައި އަތޮޅުތަކުގައި ފެށޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ޒަމާނުއްސުރެ މުޖުތަމައުގައި އަށަގެންފައި ހުރި ގިނަ މައްސަލަތަކެއްގެ ވާހަކަ މިއަދު ދެކެވެން ފަށައިފި ކަމަށެވެ. އަދި ކުޑަކުދިންނަށް ކުރާ ތަފާތު ގޯނާތަކާ އަ،ންހެނުންނަށް ކުރާ ގެވެށި އަނިޔާތަކުގެ ވާހަކަ މިއަދު ހަރުއަޑުން އެބަ ދެކެވޭއިރު، ކޮރަޕްޝަންގެ ވާހަކަތައް ވެސް ހާމަކުރަން ފަށާފައިވާ ކަމަށެވެ.
އަދި އެކަމުގެ ސަބަބަކީ މިފަދަ މައްސަލަތައް ރިޕޯޓްކޮށް ޝަކުވާ ހުށަހެޅޭނެ އިތުބާރު ހުރި ނިޒާމެއް މި ސަރުކާރުން ގާއިމުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް ނުފޫޒެއްނެތި މިފަދަ މައްސަލަތައް ބެލޭނެ ފުރިހަމަ ނިޒާމެއް ސަރުކާރުން ގާއިމުކޮށްދޭނެ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19އާއެކު، ޔަގީންވެގެން ދިޔައީ، ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކޮށްގެން ތިބެވެން ނެތްކަން ކަމަށެވެ. އެހެންކަމުން އިގްތިސޯދު ސިންދަފާތު ކުރުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީކުރުމަށް، އަންނަ އަހަރުގެ ތެރޭގައި، ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މަސްވެރިކަމުގެ ދާއިރާއިން، ކޫއްޑޫއާއި ފެލިވަރު އަދި ކަނޑުއޮތްގިރީގެ ވަސީލަތްތައް ތަރައްގީ ކުރުމަށް މިއަންނަ އަހަރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދަނޑުވެރިކަން ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން އަހަރަށް އެއްވެސް ކުއްޔެއް ނުނަގާގޮތަށް ރަށްރަށުން މިހާރު ދަނޑުބިން ދޫކުރަން ފަށާފައިވާއިރު، އަދި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައްވެސް ކުރިއަށްދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ސާފު ބޯފެން ލިބުމާއި، ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް، މިހާތަނަށް ނުފެށި ހުރި ރަށްރަށުގައި، މި އަންނަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއެކު، ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދެވިއްޖެ ކަމަށެވެ.
މީގެ އިތުރުން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން އަންނަ އަހަރު ކުރާނެ އެންމެ މުހިންމު ކަމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމުގެ ޕްލޭން ތަންފީޒުކުރަން ފެށުން ކަމަށެވެ. އަދި މި ޕްލޭން ތަންފީޒު ކުރުމުން، 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުންނުކުރާ ގައުމަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.