އެމެރިކާގެ އަދުލު އިންސާފާ ބެހޭ ވުޒާރާގައި، އިންތިހާބީ ޖިނާއީ ކުށްތަކާ ގުޅިގެން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޕްރޮސެކިއުޓަރު، ރިޗާޑް ޕިލްގާ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަދުލު އިންސާފާ ބެހޭ ވުޒާރާގެ އާންމު ނަޒާހާތްތެރި ކަމާ ބެހޭ ޑިޕާޓްމަންޓްގެ ދަށުން ހިންގާ އިލެކްޝަންސް ކްރައިމް ބްރާންޗްގެ ޑައިރެކްޓާ ރިޗާޑް ޕިލްގާ، މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، އެމެރިކާގައި ކުރިއަށް ދާ ވާދަވެރި ރިޔާސީ އިންތިހާބުގައި ގަވައިދުން ބޭރުން ކަންތައްތަކެއް ހިންގާފައި ވާ ކަމަށް، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭނުން ކޮށްފައި ވާ ތުހުމަތުތައް ތަހުގީގު ކުރުމަށް، އެމެރިކާގެ ބަންޑާރަ ނައިބު ވިލިއަމް ބާ، ފެޑެރަލް ޕްރޮސެކިއުޓަރުންނަށް އެންގެވި މައްސަލާގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޕިލްގާ ވަނީ އޭނާގެ އިސްތިއުފާގެ ސިޓީގައި، ބާ ފޮނުއްވި މެމޯވެސް އެޓޭޗްކުރައްވާފައެވެ.

އިލެކްޝަންސް ކްރައިމްސް ބްރާންޗްގެ ޑައިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ކަމުގައި ވީ ނަމަވެސް، އެ ވުޒާރާގެ އެހެން މަގާމަކުން އޭނާ ފެނިދާނެ ކަން ނުވަތަ ނޫން ކަން، އިސްތިއުފާގެ ސިޓީގައި ބަޔާން ކުރައްވާފައެއް ނުވެއެވެ.

ބާ އަކީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ވިދާޅުވެ، ހުއްޖަތަކާ ނުލާ ޓްރަމްޕް ދައްކަވާ ވާހަކަފުޅުތަކަށް މީގެ ކުރިން ތާއީދު ކުރައްވާތީ ފެނިފައިވާ ބޭފުޅެކެވެ.