ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް އަދި މިނިސްޓާ އޮފް ފިނޭންސް އިބްރާހިމް އަމީރާ ބައްދަލު ކުރައްވައިފިއެވެ.
އެބައްދަލުމުގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ތަރައްގީގެ ބައިވެރިކަމާއި ދެގައުމު ގުޅިގެން ކުރެވެމުންދާ މަސައްކަތްތަށް ދާގޮތް ބައްލަވާ ރިވިއު ކުރައްވަާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓަރުންނާއި އެކު ބޭއްވުނު އެ ބައްދަލުވުމުގައި އިންޑިއާގެ 1.3 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ތަކުގެ ދަށުން ކުރިއަށް ގެންދެވޭ 8 މަޝްރޫއުއާއި ބެހޭގޮތުން މަޝްވަރާ ވަނީ ކޮށްފައެވެ.
އެ މަޝްރޫއުތަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގައި މިނިސްޓްރީތަކުން ކުރަމުން ގެންދާ އަގުހުރި އަދި މުހިންމު މަސައްކަތްތައް ފޮރިން ސެކްރެޓަރީ ޝްރިންގްލާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ލައިންއޮފްކްރެޑިޓް ގެ ދަށުން ކުރިއަށް ގެންދެވޭ 4-5 މަޝްރޫއުއެއްގެ އިފްތިތާހު ކުރެވޭނެކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ އިއްޔެ ވަނީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ ދީދީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް އާ ވެސް ބައްދަލުކުރައްވާފައެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.