ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޗައިނާއިން ތަރައްގީ ކޮށްފައި ވާ "ކޮރޯނާވެކް" ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތައް ބްރެޒިލްއިން ކުއްލި ގޮތަކަށް މަޑުޖައްސާލައިފިއެވެ.

ކޮރޯނާވެކް ވެކްސިންގެ ތަހުލީލުތައް ބްރެޒިލްގެ ނޭޝަނަލް ހެލްތް ސާވޭލަންސް އޭޖެންސީ (އެންވީސާ) އިން މަޑުޖައްސާލީ އެ ގައުމުގައި ކުރިއަށްދާ ތަހުލީލުތަކުގައި ބައިވެރިވަމުން ދާ ވޮލަންޓިއަރުންތަކަކަށް ކުރިމަތިވި މައްސަލަތަކަކާ ގުޅިގެން ކަމަށް ހަބަރު ލިބެއެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ނުލިބެއެވެ.

ޗައިނާގެ ވެކްސިން މަޑުޖައްސާލިކަން ބްރެޒިލް ހާމަކޮށްފައި މިވަނީ، އެމެރިކާގެ ފައިޒާ ކުންފުނީގެ ވެކްސިން 90 ޕަސެންޓް ކާމިޔާބު ކަމަށް ހަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ފާމަސޫޓިކަލް ކުންފުނި، ސީނޯވެކް ބައޮޓެކް ކުންފުނިން، ބްރެޒިލްގެ ބުޓަންޓަން އިންސްޓިޓިއުޓް އާ ގުޅިގެން 3 ވަނަ މަރުހަލާގެ ތަހުލީލުތައް ބްރެޒިލްގައި ފެށީ މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައެވެ.

ގައިންގައަށް އަރާ ބަލިތަކުން ދިފާއުވުމަށް ވެކްސިން އުފައްދާ ތަރައްގީ ކުރުމަށް ހަރަކާތްތެރިވާ ޗައިނާގެ ބައޮފާމަސޫޓިކަލް ކުންފުނިން، ސީނޯވެކް ބައޮޓެކް ލިމިޓަޑްގެ މުވައްޒަފުންނާއި، އެ މުވައްޒަފުންގެ އާއިލާތަކަށް މި ވެކްސިން ދީފައިވެއެވެ.