މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުޑަކުދިންނާ ގުޅުން ހުރި ކުށުގެ 326 މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރު، ޖެނުއަރީ މަހުން މާޗް މަހުގެ ނިޔަލަށް ކުޑަކުދިންނާ ގުޅުހުން ހުރި ކުށުގެ 233 މައްސަލަ ތަހުގީގު ކޮށްފައި ވެއެވެ. އަދި މި އަހަރުގެ ދެވަނަ ކުއާޓަރު، އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުޑަކުދިންނާ ގުޅުންހުރި ކުށުގެ 93 މައްސަލައެއް ތަހުގީގު ކޮށްފައި ވެއެވެ.
އެހެންކަމުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިފަދަ ކޭސްތަކުގެ ތެރެއިން ޖުމްލަ 326 މައްސަލައެއް ތަހުގީގު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރެކޯޑު
- ކުޑަކުދިންނަށް ކުރާ އެހެނިހެން އަނިޔާގެ މައްސަލަ - 45
- ޖިންސީ ގޯނާގެ މައްސަލަ - 100
- ބްލެކްމެއިލް ކޮށްފައިވާ މައްސަލަ -8
- ކުޑަކުއްޖާއަށް އިހުމާލުވެފައިވާ މައްސަލަަ - 31
- ޖިންސީ ފުރައްސާރައިގެ މައްސަލަ - 7
- ބިރުދައްކާފައިވާ މައްސަލަ - 5
- ކުޑަކުދިންގެ ބަރަހަނާ މަންޒަރު ރިކޯޑު ކުރުމުގެ މައްސަލަ - 4
މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރެކޯޑު
- ކުޑަކުދިންނަށް ކުރާ އެހެނިހެން އަނިޔާގެ މައްސަލަ - 22
- ޖިންސީ ގޯނާގެ މައްސަލަ - 42
- ބްލެކްމެއިލް ކޮށްފައިވާ މައްސަލަ - 8
- ކުޑަކުއްޖާއަށް އިހުމާލުވެފައިވާ މައްސަލަަ - 10
- ކުޑަކުދިންގެ ބަރަހަނާ މަންޒަރު ރިކޯޑު ކުރުމުގެ މައްސަލަ - 3
އެ މައްސަލަތަކާ ގުޅިގެން ވިކްޓިމްގެ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 253 ކުޑަ ކުއްޖަކާއި ދެވަނަ ކުއާޓަރުގައި ވިކްޓިމްގެ ގޮތުގައި 104 ކުއްޖަކު ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
މި އަހަރުގެ ފުރަތަމަ ކުއާާޓަރުގައި ޖިސްމާނީ އަނިޔާ ކުރުމުގެ 45 މައްސަލައެއް ފުލުހަށް ހުށަހެޅި ތަހުހީގު ކޮށްފައިވާއިރު، ވިކްޓިމްގެ ގޮތުގައި 48 ކުދިން ހިމެނެއެވެ. އެއީ މިފަދަ ގެވެށި އަނިޔާ ލިބޭ މީހުންގެ ނިސްބަތަށް ބަލާއިރު އެފަދަ އަނިޔާ ލިބޭ ކުޑަކުދިންގެ ނިސްބަތަކީ 43 އިންސައްތަ ކަމަށް ފުލުހުން ބުނެއެވެ.
މި އަހަރުގެ ދެވަނަ ކުއާާޓަރުގައި ޖިސްމާނީ އަނިޔާ ދިނުމުގެ 22 މައްސަލައެއް ފުލުހަށް ހުށަހެޅި ތަހުހީގު ކޮށްފައިވާއިރު، ވިކްޓިމްގެ ގޮތުގައި 33 ކުދިން ހިމެނެއެވެ. އެއީ މިފަދަ ގެވެށި އަނިޔާ ލިބޭ މީހުންގެ ނިސްބަތަށް ބަލާއިރު އެފަދަ އަނިޔާ ލިބޭ ކުޑަކުދިންގެ ނިސްބަތަކީ 46 އިންސައްތަ ކަމަށް ފުލުހުން ބުނެއެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 100 މައްސަލަ ފުލުހަށް ހުށަހެޅި ތަހުގީގު ކޮށްފައިވާއިރު ވިކްޓިމްގެ ގޮތުގައި 118 ކުދިން ހިމެނެއެވެ. ހަމައެއާއެކު މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެފަދަ 42 މައްސަލަ ތަހުގީގުކޮށްފައިވާއިރު ވިކްޓިމްގެ ގޮތުގައި 48 ކުދިން ހިމެނެއެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި މި އަހަރުގެ ދެ ކުއާޓަރުގައި ޖުމަލް 11 ވިކްޓިމްއިން ފެނިފައިވެއެވެ. އަދި ބްލެކްމެއިލް މައްސަލައިގައި 15 ވިކްޓިމް އަދި ބިރުދެއްކުމުގެ މައްސަލައިގައި 5 ވިކްޓިމް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ބަރަހަނާ ރެކޯޑު ކުރުމުގެ މައްސަަލައިގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 7 ކޭސް ފުލުހުންނަށް ހުށަހެޅި ތަހުގީގު ކޮށްފައިވާއިރރު އެ މައްސަލައިގައި ވިކްޓިމުންގެ ގޮތުގައި 7 ކުދިން ހިމެނެއެވެ.