އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް ކުރާ ޖަލްސާ މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ސަރުކާރުގެ ފަރާތުން މަޖިލީހަށް 34.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވައިފައި ވާއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް މިއަދު ބަޖެޓް ފޮނުވޭނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން މިމަހު 16 ގައި ބަހުސް ފެށޭނެ ކަމަށާއި ބަޖެޓުގެ ބަހުސްގައި މެމްބަރުން 21 ގަޑިއިރު ހޭދަކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މެމްބަރުން ބަޖެޓުގެ ބަހުސްގައި ހޭދަކުރައްވާނެ ވަގުތު ކަނޑައަޅާނީ އާންމު ކޮމިޓީން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިމަހުގެ 16 އާއި 17 އަދި 18 ވަނަ ދުވަހު ބަޖެޓު ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު އެ ތިން ދުވަހުގެ ރެޔާއި ދުވާލު ބަހުސް ކުރިއަށް ދާނެ ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ނަޝީދު ވިދާޅުވިގޮތުގައި ބަޖެޓު ކޮމިޓީއިން ބަޖެޓް ދިރާސާ ކުރުމަށް ފަހު މިމަހުގެ 19 ވަނަ ދުވަހު ބަޖެޓު ތަޅުމާ ހަމައަށް ލިބޭނެ ކަމަށާއި މިމަހުގެ 22 ވަނަ ދުވަހަކީ ކޮމިޓީ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފަހު ދުވަސް ކަމަށް ވިދާޅުވިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ކޮމިޓީގެ ރިޕޯޓަށް ބަހުސް ފެށުމަށް ހަމަޖެހިފައި ވާއިރު އެކަމަށް 10 ވަަރަކަށް ގަޑިއިރު ހޭދަވާނެ ކަމަށާއި މިމަހުގެ 26 ވަނަ ދުވަހު ބަޖެޓަށް ވޯޓަށް އެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
34.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް 34،787،720،151 ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް އަމީރު ވިދާޅުވިއެވެ.