ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ކާރިސާއާއި އިގުތުސޯދީ ހީނަރުކަމާއެކު ބޮޑެތި ތަކުލީފު ތަކެއް އުފުލަމުން ދާ އުރުދުންގައި އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ތައްޔާރު ވެއްޖެއެވެ.

ބައިނަލްއަގުވާމީ މާލީ އެހީއަށް އިންތިހާއަށް ބަރޯސާވެފައި އޮތް އުރުދުންގައި އަލަށް އެކުލަވާލާ މަޖިލީހުގެ އެންމެ އިސް ޒިންމާއަކަށް ވާނީ، އެ ގައުމުގެ ދަރަނި ރީސްޓްރަކްޗާ ކުރުމެވެ. ލަފާ ކުރެވޭ ގޮތުގައި އުރުދުންގެ ދަރަނީގެ އަގު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 100 ޕަސެންޓަށް އަރައެވެ.

މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހަށް ބަލާއިރު، އުރުދުންގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ 23 ޕަސެންޓަށް އަރާފައެވެ.

އުރުދުންގައި ގާނޫނު ހަދާ އާ މަޖިލީސް އެކުލަވާލުމަށް، އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވަނީ މާދަމާއަށެވެ. ނަމަވެސް، ވޯޓުގައި ބައިވެރިވާ މީހުންގެ އަދަދު މަދު ވާނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރަމުންދާ އަލް-ގުދުސް ސެންޓާ ފޮ ޕޮލިޓިކަލް ސްޓަޑީޒް ގެ އުރައިބު ރިންތާވީ ވަނީ ލަފާ ކުރައްވާފައެވެ. އެހެނީ، އުރުދުންގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ގާނޫނު ހަދާ މަޖިލީހަކީ ސަރުކާރުތައް އެކުލަވާލުމުގައި މާ ބޮޑު ދައުރެއް އަދާ ކުރާ މަޖިލީހަކަށް ނުވެ، ހަވާސާ ވެފައި އޮންނަ ކަމެވެ.

މާދާ ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވާ ވޯޓުލުން ފަސް ކުރުމަށް ސޯޝަލް މީޑިއާގައި ބަޔަކު ކެމްޕޭން ކުރަމުން ދިޔަ ނަމަވެސް، އުރުދުންގެ ސަރުކާރުން ވަނީ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އުރުދުންގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމުގެ ކުރިން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ވަނީ އުވާލާފައެވެ. އުރުދުންގެ ގާނޫނު ބުނާ ގޮތުން، 4 މަސް ދުވަހުގެ ތެރޭގައި އާ އިންތިހާބެއް ބާއްވަންޖެހެއެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19ގެ ސަބަބުން އުރުދުންގެ އިގުތިސޯދުވެސް އިނދަޖެހިފައި ވާ ދަނޑިވަޅެކެވެ. ފަތުރުވެރިކަމުން އާމްދަނީ ހޯދަމުން ދިޔަ އުރުދުންއަށް މިއަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެ ތެރޭގައި، މި ރޮނގުން 3 ބިލިއަން ޑޮލަރު ގެއްލުނު ކަމަށް މައުލޫމާތު ލިބެއެވެ. ގަދީމީ އަދި ތާރީހީ ގިނަ ސަރަހައްދުތަކެއް އޮންނަ އުރުދުންގެ ފަތުރުވެރި ކަމުގެ ސިނާއަތަކީ، އެ ގައުމުގެ ޖީޑީޕީގެ 14 ޕަސެންޓް ހިއްސާ ކުރާ ސިނާއަތެކެވެ.

އާންމު އިންތިހާބުގެ ކެންޑިޑޭޓުން ކެމްޕޭން ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައެވެ. ވަކިން ހާއްސަކޮށް، ފޭސްބުކްގައެވެ.