ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދިނުމަށް އިތުރު ކުންފުންޏަކަށް ލައިސަންސް ދޭން ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު އެހެން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުންނެވެ.

އާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު އާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައިވާ އެއާޕޯޓް ސާވިސް ޗާޖް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމުގެ ބިލް ފާސްވެ، އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒު ކުރެވޭނެކަމަށް ލަފާކޮށްފައިވާނެ ކަމަށާއި ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް އެ ސިނާއަތުން އާމްދަނީ ހޯދުމަށް ބެލިފައިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އާ ރިޒޯޓްތައް ތަރައްގީކުރުމަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށާއި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ ދިރާގާއި އުރީދޫންނެވެ. އަދި އާރްއޯއެލް އަށް ވަނީ އިންޓަނެޓް ދިނުމުގެ ހުއްދަ ދީފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.