މިއަދު މަރުވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެނައި މީހާ، ކޮވިޑު މަރެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް މަރުވެގެން ގެންގޮސްފައި ވަނީ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

މިއަދު މަރުވި މީހާއާ އެކު ކޮވިޑުގައި މަރުވި މީހުންގެ އަދަދު މިވަނީ 40 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި 7 މީހަކު ވެސް ވަނީ މަރުވެފައެވެ. އެ 7 މީހުންނަކީ ކޮވިޑްގައި މަރުވި މީހުން ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިއަދު ކޮވީޑަށް 24 ޕޮޒިޓިވް ވެފައި ވާއިރު މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،986 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 26 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،092 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 847 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 60 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 226 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.