ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދުފާ ނައީމްއެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ފޮރިން ސެކްރެޓަރީ އިން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއާއި މިނިސްޓާ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓާ އޮފް ފިނޭންސް އާއި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި މިނިސްޓާ އޮފް ޑިފެންސް އަދި މިނިސްޓާ އޮފް ޓޫރިޒަމް އާއި ބައްދަލުކުރައްވާނެއެވެ.

މިއީ ހަރްޝް ވަރްދާން ޝްރިންގްލާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމާ ޖެނުއަރީ 29، 2020 ގައި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެބޭފުޅާއަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީއެވެ.