އެމެރިކާގައި ކުރިއަށް ގެންދާ ފޯރިގަދަ ރިޔާސީ އިންތިހާބު، އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުމެ ހުންނެވި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ކާމިޔާބު ކުރައްވައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ހަމަޖެހިފައި އޮންނަ ގޮތުން އިލެކްޓޯރަލް ކޮލެޖުގެ 270 ވޯޓު ކަށަވަރު ކުރައްވާ ކެންޑިޑޭޓަކަށް، ކުރިއަށް އޮތް ހަތަރު ދުވަހުގެ ވެރިކަން ކަށަވަރުވެއެވެ. އެގޮތުން ބައިޑަން މިހާރު ވަނީ އިލެކްޓޯރަލް ކޮލެޖުން 273 ވޯޓު ކަށަވަރު ކުރައްވާފައެވެ. ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ނިކުންނެވި ޓްރަމްޕަށް ކާމިޔާބު ކުރެއްވުނީ 213 ވޯޓެވެ. އިލެކްޓޯރަލް ވޯޓަކީ ވަކިވަކި ސްޓޭޓްތަކުގެ އާބާދީގެ ނިސްބަތުން އެ ސްޓޭޓްތަކަށް ދީފައިވާ ވޯޓުތަކެކެވެ.

ކުރިއަށް އޮތް 4 އަހަރު ދުވަހަށް އެމެރިކާގެ ރައީސް ކަމުގެ މަގާމު، ބައިޑަން ކަށަވަރު ކުރެއްވުމާއެކު އޭނާގެ ރަނިންގް މޭޓް އަދި ކުރީގެ ސެނެޓަރު ކަމަލާ ހެރިސް ވެގެންދާނީ އެމެރިކާގެ ތާރީހު ދުށް ފުރަތަމަ، ކަޅު ނަސްލުގެ އަންހެން ނައިބު ރައީސާއަށެވެ.

އެމެރިކާގެ 46 ވަނަ ރައީސް ކަމުގެ މަގާމު ކަށަވަރު ކުރެއްވި ޖޯ ބައިޑަން، މިރޭގެ ވަގުތެއްގައި ގައުމާ މުހާތަބު ކުރައްވާނެއެވެ.