ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އަންހެނުންނަށް އިންސާފު ލިބެން ފަށައިފި ކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސްން އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.
އަނިސާ މިހެން ވިދާޅުވީ 2018 ވަނައަހަރުގެ ތެރޭގައި މާލޭގައި ހިންގި އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ކުށް ސާބިތުވެ 15 އަަހަރުގެ ޖަލު ހުކުމެއް އެމިހާގެ މައްޗަށް ކުރުމާ ގުޅިގެންނެވެ.
އަނީސާ ވިދާޅުވީ، އަންހެނުންނަށް ޖިންސީ ގޮތުން ކުރާ އަނިޔާތަކަށް އިންސާފު ލިބެން ފަށައިފި ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކޭސްތަކުގައި އަނިޔާ ލިބޭ ފަރާތަށް އިންސާފު ގާއިމު ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ކުރެހުންތެރިއެއްގެ ގޮތުގައި އާތް ސްޓޫޑިއޯއެއްގައި މަސައްކަތް ކުރި ގދ. ތިނަދޫ ހަސަން ފާއިޒު (ޖޭސަން) ގެ މައްޗަށް އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހުކުމް ކޮށްފައި ވަނީ އިއްޔެއެވެ. އެ އަންހެން ކުއްޖާ ރޭޕް ކޮށްފައި ވަނީ ޕްރޮޖެކްޓެއްގެ މަސައްކަތެއް ކުރުމަށް އެ ސްޓޫޑިއޯއަށް ދިޔަ ރެއެއްގައެވެ. އެ އަންހެން ކުއްޖާއަކީ ވެސް ކުރެހުން ތެރިއެކެވެ.
އެ އަންހެންކުއްޖާ ރޭޕް ކުރުމަށް ފަހު އެކަން ސިއްރު ކުރުމަށް ޖޭސަން ފައިސާގެ ގޮތުގައި 16،000 ރުފިޔާ ދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އެ އަންހެން ކުއްޖާއާ ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ. އަދި ރޭޕްކުރި ރޭ އެ ސްޓުޑިއޯއިން އަންހެން ކުއްޖާ ނުކުމެގެން ގޮސް ފުލުހުންނަށް މައްސަލަ ހުށަހަޅާ ހޮސްޕިޓަލަށް ގޮސް ޓެސްޓުތައް ހަދާފައިވާ ކަމަށް ވެސް އެ ނޫސްތަކުގައި ބުނެއެވެ. މި ހާދިސާ ހިނގާފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ނަމަވެސް ޖޭސަން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި ރުހުމުގައި ވެސް އަދި ނުރުހުމުގައި ވެސް އެ އަންހެން ކުއްޖާގެ ގައިގާ އަތްލާފައި ނުވާނެ ކަމަށް އޭނާ އޭރު ވަނީ ބުނެފައެވެ. ޖޭސަން އަކީ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކުގެ ކޮއްކޮއެވެ.
ތިހެން ބުނަންވާނީ ސަފާރީ ކޭސްގަ ހިމެނޭ މީހުންނަށް ހުކުމް އިއްވާ އެކަން ތަންފީޒު ކުރަންފަށާ ދުވަހަކު.