އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ރޮނގުން ދިވެހިރާއްޖެއަށް މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް މި ގައުމުން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަން ކޮށް، ބައިނަލްއަގުވާމީ މުޖުތަމައުން އެކަމަށް ތައުރީފު ކޮށްފިއެވެ.

އދގެ މެމްބަރު ގައުމުތަކުން އިންސާނީ ހައްގުތައް ކަށަވަރު މިންވަރު ވަޒަން ކުރުމަށް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ގެ ރާއްޖޭގެ ސެޝަންގައި، 97 ގައުމަކުން ވަނީ ރާއްޖެއާ ގުޅޭ ބަޔާންތައް ހުށަހަޅާފައެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށް ދިޔަ ސެޝަންއަށް ގައުމުތަކުން ހުށެހެޅި ބަޔާންތަކަށް ޖުމުލަ ގޮތެއްގައި ބަލާއިރު، ގިނަ އަދަދެއްގެ ގައުމުތަކަކުން ވަނީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާ، ޕްރޮމޯޓް ކުރުމުގައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކޮށްފައެވެ. އެގޮތުން، ޝަރުއީ ދާއިރާއާއި، ޑިމޮކްރަޓިކް އިސްލާހީ ބަދަލުގެ ރޮނގުން، ރާއްޖެއަށް އެދެވޭ ބަދަލުތަކެއް އަންނަ ކަން، ގިނަ ގައުމުތަކަކުން ވަނީ ފާހަގަ ކޮށްފައެވެ.

ދެ ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމާ، އަންހެނުން ބާރުވެރި ކުރުވުމާ، ސިއްހީ ހިދުމަތުގެ ރޮނގުންވެސް ރާއްޖެއަށް އެދެވޭ ބަދަލުތަކެއް ގެނެސްފައި ވާ ކަމާ، ހިޖުރަވެރިންގެ މަސައްކަތްތެރިންގެ ހައްގުގައި ރާއްޖެއިން ކަންކަން ރެގިއުލޭޓް ކުރަމުން އަންނަ ގޮތަށްވެސް ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ތައުރީފު ކޮށްފައެވެ. ހަމަ އެހެންމެ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކާއެކު މަސައްކަތް ކުރުމަށް ރާއްޖެއިން އާ ހިތްވަރަކާއެކު އިސްނަގައިގެން ބައިވެރިވަމުން އަންނަ ކަން ގައުމުތަކުން ވަނީ ފާހަގަކޮށްފައެވެ.

ގައުމުތަކުން ހުށަހެޅި ހުށަހެޅުންތަކާ ވިދިގެން ދިވެހިރާއްޖޭގެ ފަރާތުން ޖަވާބުދާރީ ވެވަޑައިގަތީ މި ސެޝަންގައި ރާއްޖޭގެ ޑެލިގޭޝަން ތަމްސީލު ކުރެއްވުމަށް އިސްކޮށް ހުންނެވި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުއެވެ. ގައުމުތަކަށް ޖަވާބުދާރީ ވެވަޑައިގެން ވާހަކަދައްކަވަމުން އެޓާނީ ޖެނެރަލް ވަނީ އިންސާނީ ހައްގުތަކުގެ އަސާސްތަކުގެ މައްޗަށް މުޖުތަމައު ބިނާ ކުރުމަށް ދިވެހި ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށާ، މިނިވަންކަމާ އަބުރުވެރިކަމުގެ ފޮނިމީރުކަން ދިވެހިންނަށް ލިބިދޭނެ ކަމުގެ ކަށަވަރުކަން އަރުވާފައެވެ.

އެޓާނީ ޖެނެރަލްގެ އިތުރުން ޙޯމް މިނިސްޓަރު ޝައިހު އިމްރާން ޢަބްދުﷲ، ޖެންޑާ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީވެސް ވަނީ ޔޫޕީއާރްގެ ރާއްޖޭގެ ސެޝަންގައި ވާހަކަފައްކަވާފައެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، ސަފީރު ޑރ އާސިމް އަހުމަދުވެސް ވަނީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް އަދުގެ ސަރުކާރުން ދެމުންދާ ހާއްސަ ސަމާލުކަން ފާހަގަ ކުރައްވާ، އެ އެއްބާރުލުން އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ތައާރުޒު ވާ ގޮތަށް ގައުމުތަކުން ހުށަހަޅާފައިވާ އެއްވެސް ކަމެއް ދިވެހިރާއްޖެއިން ބަލައިނުގަންނާނެ ކަމުގެ ޔަގީންކަން، ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ، ދިވެހި ރައްޔިތުންނަށް އަރުއްވާފައެވެ.