ހދ. ނޮޅިވަންފަރުގައި އިމާރާތް ކުރަމުން އަންނަ 52 ގެ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އާއިލާތަކަށް ހަވާލު ކުރެވޭނެ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް އެހެން ވިދާޅުވެފައި ވަނީ ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓްތަކާ ބެހޭގޮތުން މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މެންބަރު ނަޝީދު ވަނީ ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓު މަސައްކަތް ނިންމާ، އެ ގެތައް އާއިލާތަކާ ހަވާލު ކުރެވޭނީ ކޮން އިރަކުން ތޯ ސުވާލު ކުރައްވާފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ގެތައް ނިިންމައި އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު އާއިލާތަކަށް ހަވާލު ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން މަސައްކަތް ހުއްޓިފައިވާ 100 ގޭގެ މަސައްކަތް ފެއްޓުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވައިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ގެތަކުގެ އަމަލީ މަސައްކަތް ފުރަތަމަ ކުއާޓަރުގައި ފެއްޓުމަށް ބީލަމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ނޮޅިވަރަންފަރުގައި އިމާރާތް ކުރަމުން އަންނަ 52 ހައުސިން ޔުނިތަކީ، 2011 ވަނަ އަހަރު ސަރުކާރުން ހިންގި އެއްފަސް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ހދ. ފަރިދޫ، ކުނބުރުދޫ، އަދި މާވައިދޫ އިން ނޮޅިވަރަންފަރަށް ބަދަލުވި އާއިލާތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވައިކަން ހަމަޖެހިފައި ނުވާ 52 އާއިލާއަށް އިމާރާތްކުރާ ހައުސިން ޔުނިޓުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.