އިނގިރޭސިވިލާތަށް ޓެރަރިސްޓް ހަމަލާގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައި ވާކަމަށް ކަނޑައަޅާ، އެލާޓް ލެވަލް މަތިކޮށްފިއެވެ.

އެލާޓް ލެވަލް "ސިވިއާ" އަށް ބަދަލު ކޮށްފައި ވާއިރު، މީގެ މާނައަކީ، އިނގިރޭސިވިލާތަށް އޮތް ޓެރަރިސްޓް ހަމަލާގެ ނުރައްކާގެ ފުރުސަތު އިންތިހާއަށް ބޮޑު ވެއްޖެ ކަމަށް، ސަލާމަތީ އޮފިޝަލުން ގަބޫލު ކުރެއްވި ކަމެވެ. ނަމަވެސް، އެކަމަކާ ބެހޭ ޖާސޫސީ މައުލޫމާތު އަދި އެނގިވަޑައި ނުގަންނަވާ ކަމެވެ.

އިނގިރޭސިވިލާތަށް ޓެރަރިސް ހަމަލާއެއްގެ ފުރުސަތު އޮތް ކަމަށް ބުނެ، އެލާޓް ލެވަލް މަތިކޮށްފައި މިވަނީ، އޮސްޓްރިއާގެ ވެރިރަށް، ވިއޭނާގައި ދިން ބަޑީގެ ހަމަލާތަކާ ގުޅިގެންނެވެ.

އިނގިރޭސި ދާހިލީ ވަޒީރު ޕްރިތީ ޕަޓޭލް ވިދާޅުވީ، ރައްޔިތުން ސަމާލުވެ ތިބެން ޖެހޭ ކަމަށާ، ނަމަވެސް ހާސްވެ، ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. މިއީ ފާއިތުވެދިޔަ ހަފުތާއެއް ހާ ދުވަހުގެ ތެރޭގައި އޮސްޓްރިއާއާއި ފަރަންސޭސިވިލާތުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އެކި ރައްކާތެރި ކަމުގެ ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެލާޓް ލެވަލް މަތި ކުރީ، ވަކި ހަމަލާއެއްގެ މައުލޫމާތަށް ބިނާ ކޮށްގެން ނޫން ކަމަށްވެސް ޕްރިތީ ޕަޓޭލް ވަނީ ވިދާޅުވެފައެވެ.

ފާރަވެރިވެ ތިބުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުން ދާހިލީ ވަޒީރު ވަނީ، ޝައްކު ކުރެވޭ އެއްވެސް ކަމެއް ހިނގާކަމަށް ގަބޫލު ކުރެވޭނަމަ ފުލުހުންނަށް ރިޕޯޓް ކުރުމަށްވެސް އިނގިރޭސިވިލާތުގެ އާންމު ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އިނގިރޭސިވިލާތުގެ ޓެރަރިޒަމް ހަމަލާގެ ނުރައްކާ ގިންތި ކުރަނީ، އެމްއައި-5ގެ ގޮތްޕެއްގެ ގޮތުގައި، މައި ސަރުކާރުން މިނިވަން ވެފައިވާ ޖޮއިންޓް ޓެރަރިޒަމް އެނާލިސިސް ސެންޓާ (ޖޭޓެކް) އިންނެވެ.

އެލާޓް ލެވަލް "ސިވިއާ" އަކީ ނުރައްކާ އެންމެ މަތީ ގިންތިއެއް ނޫނެވެ. 5 ލެވަލްއެއް ހިމެނޭ މި ގިންތީގެ އެންމެ ނުރައްކާ ބޮޑު ލެވަލް އަކީ 'ކުރިޓިކަލް' ގިންތިއެވެ.

އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އޮތް ލެވަލް އަށް ބަދަލު ގެނައި ނަމަވެސް، އިނގިރޭސިވިލާތަށް ދަތުރު ކުރުމަށް ރާއްޖެއިން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި ނުވާ ކަން ދިވެހި ހާރިޖިއްޔާއިން ވަނީ ދަ ޕްރެސްއަށް ކަށަވަރު ކޮށްދީފައެވެ.