އަވަށްޓެރި އިންޑިއާގެ ބާޒާރުގައި ހަކުރުގެ ސަޕްލައި އިތުރުވެ، ވީހާވެސް ގިނައިން ހަކުރު ބޭނުން ކުރުމަށް އާންމުންނަށް ހިތްވަރު ދިނުމުގެ ކެމްޕޭނެއް ފެށުމަށް އެ ގައުމުގެ ހަކުރު ސިނާއަތަށް މަޖުބޫރު ވެއްޖެއެވެ.

އިންޑިއަން ޝުގާ މިލްސް އެސޯސިއެޝަން (އިސްމާ) އިން ބުނީ، ހަކުރު ބޭނުން ކުރުމާއި އެކަމާ ގުޅިފައިވާ ސިއްހީ ކަންކަމާ ގުޅިގެން އާންމުންނަށް ކުރެވިފައި ވާ ކުށް ހީތައް ނައްތާލަން ބޭނުން ވާ ކަމަށެވެ.

އިންޑިއާ މީހުންނަކީ އެވަރޭޖު ކޮށް އަހަރެއްގެ މައްޗަށް 19 ކިލޯގްރާމްގެ ހަކުރު ކާ ބައެކެވެ. މިއީ ދުނިޔޭގެ އެވަރޭޖަށް ބަލާއިރު ދަށް މިންވަރެކެވެ. ކަން މިހެން އޮތް ނަމަވެސް، ފޮނިރަހަލައްވަން ހާއްސަކޮށްފައިވާ އުފެއްދުންތައް އެންމެ ގިނަ އަދަދަކަށް ބޭނުން ކުރާ ގައުމަކީ އިންޑިއާއެވެ.

އިންޑިއާގެ އުއްދަނޑި ފީންޏެއްގައި ބަޔަކު މަސައްކަތް ކުރަނީ / ފޮޓޯ: އިންކްލް

މިއަހަރު އިންޑިއާއިން ހަކުރު އުފައްދާ މިންވަރު 13 ޕަސެންޓް އިތުރުވެ، 31 މިލިއަން ޓަނަށް އަރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިސްމާގެ ވެބްސައިޓް އާންމު ކޮށްފައިވާ ބައެއް ލިޔުންތަކަށް ބަލާއިރު، "ކުޑަ މިންވަރަކަށް" ހަކުރު ބޭނުން ކުރުމަކީ މައްސަލައެއް ނޫން ކަން ދޭހެ ކޮށްދޭ ލިޔުންތައް ހިމެނެއެވެ. އަދި ހަކުރުގެ ބަދަލުގައި ފޮނިރަހަލައްވަން ބޭނުން ކުރާ އުފެއްދުންތަކަކީ ބަރުދަން ލުއި ކުރަން އެހީވެދޭނެ ބާވަތްތަކެއް ނޫން ކަމާ، އެފަދަ އުފެއްދުންތައް ބޭނުން ކުރުމުގެ ސަބަބުން، ފަހުން ކުރިމަތިލާންޖެހޭ ތަކުލީފު ބޮޑުކަމަށް ބަޔާން ކުރާ ލިޔުންތައްވެސް އާންމު ކޮށްފައި ހުރެއެވެ. މިފަދަ މޭރުމަކުން ހުރި ރެސިޕީތައްވެސް އިސްމާގެ ވެބްސައިޓްގައި ވަނީ ހިއްސާ ކޮށްފައެވެ.

ވެބްސައިޓް ލޯންޗް ކުރުމަށް ކުރިއަށް ދިޔަ އިވެންޓްގައި އިންޑިއާގެ ކާބޯތަކެއްޗާ ބެހޭ ވަޒީރު ސުދާންޝޫ ޕާންޑޭ ވިދާޅުވީ، ހަކުރަށް ދީފައި އޮންނަ "މަގާމަކީ" އެ އަށް އެންމެ އެކަށީގެން ވާ މަގާމު ނޫން ކަމަށެވެ. ހަކުރު ބޭނުން ކުރުމާ ގުޅިގެން ދައްކަމުންދާ ބައެއް ވާހަކަތަކަކީ ކުރެވޭ ކުށް ހީތަކެއް ކަމަށާ، މިފަދަ ބައެއް ކުށް ހީ ތަކަކީ، ސައެންސްގެ ހެއްކެއްވެސް ނެތް ކަންތައްތަކެއް ކަމަށް ޕާންޑޭ ވިދާޅުވިއެވެ.

މިއީ ދުޅަހެޔޮ ފިކުރެއްތަ؟

މިއީ ހަކުރު ބޭނުން ކުރާ މިންވަރު މަދު ކުރުމަށް އެހެން ގައުމުތަކުން ފަށާފައިވާ ކެމްޕޭނާ ހިލާފު ރޫހެކެވެ.

ހަކުރަކީ އާދަޔާ ހިޔާލަފަށް ފަލަވުމާ، ޑައެބީޓީޒް (ހަކުރު ބަލި) ފަދަ ތަފާތު ސިއްހީ މައްސަލަތަކާ ގުޅުވޭ ބާވަތެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، ކާބޯތަކެއްޗާ އެއްކޮށްގެން ތައްޔާރީ ކާނާ އުފައްދާ ފަރާތްތަކުން "ހިލޭ ބަހާ" ހަކުރުގެ މައްސަލާ ގުޅިގެންވެސް ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އުއްދަނޑިއާ ހަކުރު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ވިކިޕީޑިއާ

އުއްދަނޑި ހެއްދުމުގެ މަސައްކަތުގައި އިންޑިއާގެ 50 މިލިއަނެއްހާ ދަނޑުވެރިން ހަރަކާތްތެރިވެއެވެ. އުއްދަނޑިން ހަކުރު އުފެއްދުމުގެ މަރުހަލާގައި އިތުރު އެތައް މިލިއަން ބަޔަކު ހަރަކާތްތެރިވެއެވެ. ކާރުހާނާތަކުން އުފައްދާ ހަކުރު އުފުލުމުގެ މަސައްކަތުގައިވެސް އެތައް ބަޔަކު އުޅެއެވެ.

އިންޑިއާ ސަރުކާރުން ވަނީ އެ ގައުމުގައި އުފައްދާ ހަކުރު، ބޭރު ގައުމުތަކަށް އެކްސްޕޯޓް ކޮށްގެން ހުސްކުލުމަށް ސަބްސިޑީޒް ދިނުމުގެ ފިކުރަކަށް ބަރޯސާވެފައެވެ. މިއީ އެހެން ގައުމުތަކުން އިންތިހާއަށް ނަފުރަތު ކުރާ ފަލްސަފާއެކެވެ.

ސަޕްލައި އިތުރުވެ، ފުނިޖެހެމުންދާ ހަކުރު ބޭނުން ކުރާނެ އިތުރު ގޮތްތައް އެބަހުއްޓެވެ. އެތަނޯލްއަށް ބަދަލު ކޮށްގެން، ހަކުރުން ހަކަތަވެސް އުފެއްދެއެވެ.

އިސްމާއިން ލަފާ ކުރާ ގޮތުގައި، 2021 ވަނަ އަހަރު އިންޑިއާއިން އެތަނޯލް އުފައްދާ މިންވަރު، 1.9 ބިލިއަން ޓަނުން، 3 ބިލިއަން ޓަނަށް އިތުރުވާނެއެވެ.