15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި، ހައްޔަރުކުރި ދެމަފިރިންނަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ގދ. ހޯނޑެއްދޫ، އަލަމާގެ، މުޙައްމަދު ޔުނާންއާއި، ކ. މާލެ، މ. ނަރުގިސްމާގެއާގެ، ފާތިމަތު ރިހުލާ، 2019 ވަނައަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި، މުހައްމަދު ޔުނާންގެ މައްޗަށް 9 ދައުވާ އަދި ފާތިމަތު ރިހްލާގެ މައްޗަށް 5 ދައުވާ ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހުށަހަޅައިފައިވާ ކަމަށެވެ.

އެ ދެމީހުންވެސް މި ވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބިއިރު، ޔުނާން އަށް ކޮށްފައިވާ 9 ދައުވާގެ ތެރޭގައި ހިމެނެނީ:

  1. އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަ ކުއްޖާއަށް ދެއްކުމުގެ 2 ދައުވާ (15 އަހަރާއި 18 އަހަރާ ދެމެދު ޖަލު ހުކުމެއް)
  2. އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަ ކުއްޖަކު ލައްވާ ގަދަކަމުން ޖިންސީ އަމަލެއް ހިންގުވުމުގެ 2 ދައުވާ (15 އަހަރާއި 18 އަހަރާ ދެމެދު ޖަލު ހުކުމެއް)
  3. އާއިލާ މެންބަރަކު އެ އާއިލާ މެނަބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ (20 އަހަރާއި 25 އަހަރާ ދެމެދު ޖަލު ހުކުމެއް)
  4. އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ (15 އަހަރާއި 18 އަހަރާ ދެމެދު ޖަލު ހުކުމެއް)
  5. އޮރިޔާން ކާޑު ގެންގުޅުން (އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށް ލުން)
  6. އޮރިޔާން ކާޑު އުފެއްދުން (އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށް ލުން)

ރިހުލާއަށް ކޮށްފައިވާ 5 ދައުވާގެ ތެރޭގައި ހިމެނެނީ:

  1. އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ (20 އަހަރާއި 25 އަހަރާ ދެމެދު ޖަލު ހުކުމެއް)
  2. އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަ ކުއްޖާގެ ހާޒިރުގައި ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ (15 އަހަރާއި 18 އަހަރާ ދެމެދު ޖަލު ހުކުމެއް)އޮރިޔާން ކާޑު ގެންގުޅުން (އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށް ލުން)އޮރިޔާން ކާޑު އުފެއްދުން (އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށް ލުން)

އެ މައްސަލައިގައި ޒުވާނުންތަކެއް ވަނީ އެމީހުން އުޅޭ ގެ ކައިރިއަށް އެއްވެ އިހުތިޖާޖުވެސް ކޮށްފައެވެ. ހަމަ އެވަގުތު އެދެމީހުން ފުލުހުންގެ ވެހިކަލްގައި ގެންދާ މަނަޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. އެކަމާ ގުޅިގެން ފުލުހުން އޭރު ބުނެފައި ވަނީ އަމިއްލަ ރައްކާތެރި ކަމަށް އެދުނު ދެ މީހަކު ފުލުހުންގެ ވެހިކަލެއްގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ވާ ކަމަށެވެ.

ނަމަވެސް ފަހުން ފުލުހުން ވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި، ދެމަފިރިއަކު ހައްޔަރު ކޮށްފައި ވާކަމަށް މިދިޔަ މަހުގެ 5 ވަނަ ދުވަހު ބުނެފައެވެ.

އެ މީހުންގެ ވަނަވަރު މިއަދު ޕީޖީން ހާމަ ކޯށްފައިވާއިރު، އެހަބަރު ފެންމަތި ވުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެދެމަފިރިންނަށް ފާޑުކިޔަމުންނެވެ. އެ ދެ މީހުންގެ ދަރިފުޅަށް ބޭނުންވާ ސިއްހީ ފަރުވާއަށް އާންމުންގެ ފަރާތުން ލާރި ހޯދާ، އެ ލާރިއަށް އެމީހުން އެހެނިހެން ހަރަދުތަކެއް ކުރި ކަމަށް ބުނެ މީގެ ކުރިން ވެސް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އެ މީހުންނަށް އަމާޒު ވެފައެވެ.