ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ "16 ޑޭސް އޮފް އެކްޓިވިސަމް އެގެއިންސްޓް ޖެންޑާ ބޭސްޑް ވައިލެންސް" ކެމްޕޭންގެ ހަރަކާތެއްގެ ގޮތުން، ފެމިލީ ލީގަލް ކްލިނިކް އާއި އ.ދގެ ތަރައްގީ އާ ބެހޭ ޖަމްޢިއްޔާ (ޔޫއެންޑީޕީ) އަދި އުރީދޫ ގުޅިގެން "އާޓް ފޯ އެކްޝަން" ގެ ނަމުގައި ކުރެހުމުގެ ކެމްޕޭނެއް ހުޅުވާލާފިއެވެ.

އެ ކެމްޕޭންގެ މަގުސަދަކީ ދިވެހިރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި އެފަދަ އަނިޔާ ލިބޭ ފަރާތްތަކަށް އަދުލު އިންސާފު ހޯދައި ދެވޭނެ ގޮތްތަކާއި އެފަރާތްތައް ބާރުވެރިކޮށް އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި އަންހެނުންނަށާއި ކުދިންނަށް މުޖުތަމައުގައި އޮންނަންޖެހޭ ރައްކާތެރިކަމާ މެދު ކުރާ އުއްމީދުތަކާ މެދު އާންމުންގެ ޝުއޫރު ފާޅުކުރުމަށް ފުރުސަތު ހުޅުވާލުން ކަމަށް އުރީދޫން ވަނީ ބުނެއެފައެވެ. އެ ކެމްޕޭނަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ނޮވެމްބަރު 14، 2020 ގެ ނިޔަލަށް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އެ ކުރެހުމުގެ ކެމްޕޭން ހުޅުވާލެވިފައިވަނީ އުމުރުން 16 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކަމަށާއި އެ ކެމްޕޭނަށް ކުރެހުންތައް ހުށަހެޅުމުގައި ކޮންމެ ވަސީލަތެއް ވެސް ބޭނުންކުރެވިދާނެ ކަމަށެވެ.

ކުރެހުންތަކުން ތިން ދާއިރާއަކަށް އަލިއަޅުވާލުމަށް އުރީދޫން ވަނީ އެދިފައެވެ. އެއީ

  • އަދުލު އިންސާފު: މުޖުތަމައުގެ ހުރިހާ ފަރާތެއް ބައިވެރިވެގެން، އަނިޔާ ލިބޭ އަންހެނުންނަށް އިންސާފު ހޯދައި ދެވޭނެ ގޮތްތައް؛ ނުވަތަ
  • ބާރުވެރިކުރުން: އާއިލާއާއި ރަޙްމަތްތެރިންގެ ހައިސިއްޔަތުން އަނިޔާ ލިބޭ އަންހެނުން ބާރުވެރިކޮށް، އެފަރާތްތަކަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް؛ ނުވަތަ
  • އުއްމީދު: އަންހެނުންނަށާއި ކުދިންނަށް މުޖުތަމައުގައި އޮންނަންޖެހޭ ރައްކާތެރިކަމާމެދު ކުރާ އުއްމީދުތައް

އެކެމްޕޭނަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ފެމިލީ ލީގަލް ކްލިނިކާއި ޔޫއެންޑީޕީ އަދި އުރީދޫގެ ފަރާތްތަކުގެ މައްޗަށް އެކުލެވޭ ޕެނަލް އަކުން 16 ކުރެހުމެއް ހޮވާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ. އަދި އެ 16 ފަރާތުގެ ކުރެހުންތައް ފެމިލީ ލީގަލް ކްލިނިކާއި ޔޫއެންޑީޕީ އަދި އުރީދޫގެ ސޯޝަލް މީޑިއާގައި ނޮވެމްބަރު 25، 2020 އިން ފެށިގެން ޑިސެމްބަރު 10، 2020 ގެ ނިޔަލަށް ޝާއިރު ކުރެވޭނެ ކަމަށާއި އުރީދޫގެ ލެޑް ބޯޑުގައި ވެސް އެ 16 ކުރެހުން އިޝްތިހާރު ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

ކުރެހުންތައް ހުށަހެޅުމަށް، ކުރެހުން ކުރެހި ފަރާތުގެ ފުރިހަމަ ނަމާއި، ފޯން ނަންބަރު އަދި އުމުރާއި އެކު ހުށަހަޅާ ކުރެހުމާއި، އެއާ ބެހޭގޮތުން މައުލޫމާތު ކޮޅެއް ހިމެނޭ ގޮތަށް މިލިންކަށް ފޮނުވުމަށް ވަނީ އެދިފައެވެ.

ފެމިލީ ލީގަލް ކްލިނިކްއަކީ 2014 ވަނަ އަހަރުން ފެށިގެން އާއިލާއާބެހޭ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި ހިލޭ ސާބަހަށް ގާނޫނީ ލަފާ ފޯރުކޮށްދެމުންދާ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔާގެ އެހީ ހޯދުމަށް ގުޅާނީ 9977771 އަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ.