ރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެންމެ ބޮޑު މަންފާއެއް ހޯއްދެވީ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގައި ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި) ވިދާޅުވެ ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ޝުއައިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން އެންމެ ބޮޑު މަންފާއެއް ހޯއްދެވީ ރައީސް ނަޝީދު ކަމަށާއި އަދި އެ ފައިސާއިން އެމްޑީޕީގެ ލީޑަރުންނަށް ސޮދަގާތްވެސް ކުރައްވައިފައި ވާ ކަމަށެވެ.

އެގޮތުން ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައީސް އާއި ރައީސްގެ ނައިބުގެ އުމުރު ބަދަލުކޮށް، ދިވެހިރާއްޖޭގެ ބިން ބޭރު ފަރާތްތަކަށް ވިއްކައިލެވޭ ގޮތް ހެދުމުގައި އެމްޑީޕީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވީ ރައީސް ނަޝީދުގެ އެންގެވުމަށް ކަމަށްވެސް ބުނެއެވެ. އަދި އެކަން ކުރީ އެމަނިކުފާނަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވޭ ގޮތް ހެދުމަށް ކަމަށް ވެސް ޝުއައިބު ވިދާޅުވިއެވެ.

ޝުއައިބު އެފަދަ ތުހުމަތުތަކެއް ކުރައްވާފައި ވާއިރު، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މަންފާ ދައުލަތުގެ އެކި މުއައްސާސަތަކުގެ އޭރުގެ ވެރިންނަށާއި، މަޖިލިހުގެ ގިނަ މެންބަރުންތަކަކަށާއި، ކުރީގެ ބައެއް ރައީސުންނަށާއި، ހުރިހާ ސިޔާސީ ޕާޓީއަކަށާއި، ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް ލިބިފައި ކަމަށް ކްރިމިނަލް ކޯޓުގައި މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދާއި އެމްޑީޕީއާ ގުޅޭ ގޮތުން ޝުއައިބު އެފަދަ ތުހުމަތު ތަކެއް ކުރެއްވި އިރު، އެމްޑީޕީން އަދި އެއްވެސް އެއްޗެސް ނުބުނެއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ސަސްޕެންޑް ކޮށްފައި ވަނީ އެމްޑީޕީގެ ބައެއް ވެރިންނަށް ނިސްބަތްވާ ކާޓޫނުތަކެއް ކުރެހި މައްސަލައެއްގައެވެ.