އިނގިރޭސިވިލާތުގެ އިސްތިގުލާލީ 4 ދައުލަތުގެ ތެރޭގައި ހިމެނޭ އިންގްލަންޑްގައި އަނެއްކާވެސް ގައުމީ ފެންވަރުގެ ލޮކްޑައުންއެއް ތަންފީޒު ކުރުމަށް ނިންމާފައި ވާ ކަމަށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރައްވައިފިއެވެ.

އިންގްލަންޑް ލޮކްޑައުން ކުރުމަށް ނިންމި ކަން އިއުލާން ކުރައްވަމުން ޖޯންސަން ވިދާޅުވީ، ރެސްޓޯރަންޓް ފަދަ ތަންތަނާ، ޖިމްތަކާ، ޒަރޫރީ ނޫން މުދާ ވިއްކާ ފިހާރަތައްވެސް 4 ހަފުތާގެ މުއްދަތަކަށް ބަންދު ކުރެވޭނެ ކަމަށެވެ. ނަމަވެސް، ބަހާރު މޫސުމުގެ ލޮކްޑައުންއާ ހިލާފަށް، ސްކޫލްތަކާއި، ކޮލެޖު އަދި ޔުނިވާސިޓީތައް ހުޅުވިފައި އޮންނާނެ ކަމަށްވެސް ބޮޑުވަޒީރު ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ކޮވިޑް-19ގެ ވޭން އަމިއްލައަށްވެސް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ޖޯންސަން ވިދާޅުވީ، ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހަށް ފަހު، ލުއި ދިނުމުގެ މަރުހަލާ ފެށޭނެ ކަމަށާ، ނަމަވެސް އެކަން ކުރިއަށް ދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ.

ވިޔަފާރިތަކަށް ކުރިމަތިލާންޖެހޭ ހީނަރުކަމަށްޓަކައ ނިހާޔަތަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވަމުން ޖޯންސަން ވިދާޅުވީ، ވަޒީފާއިން "ޗުއްޓީ ދޭ" މުވައްޒަފުން ނުވަތަ ފާލޯ ސިސްޓަމްގެ ދަށުން ދޫކޮށްލާ މުވައްޒަފުންގެ މުސާރައިގެ 80 ޕަސެންޓް، ދައުލަތުން އަދާ ކުރާ ގޮތަށް އޮތް އޮތުމުގެ މުހުލަތު، ނޮވެމްބަރު މަހުގެ ނިޔަލަށް ދަންމާލާފައި ވާ ކަމަށެވެ.

ޒިންމާދާރު ބޮޑުވަޒީރަކީ ތަފާސް ހިސާބުތަކަށް ފުރަގަސް ދެއްވާނެ ބޭފުޅެއް ނޫން ކަމަށާ، ދުވާލެއްގެ މައްޗަށް މި ބަލީގައި މަރުވާ މީހުންގެ އަދަދު ހާހުން ގުނަން ޖެހިދާނެ ކަމަށް ލަފާކޮށްފައި އޮތް އޮތުމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށްވެސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތަށް ޖުމުލަ ގޮތެއްގައި ބަލާއިރު، ކޭސް ނަމްބަރު ގޮތުން އިނގިރޭސިވިލާތް އޮތީ ބައިނަލްއަގުވާމީ ލިސްޓުގެ 9 ވަނާގައެވެ. އިނގިރޭސިވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1 މިލިއަންގެ ފާހަގަ ހުރަސް ކޮށްފައެވެ. އަދި މި ބަލީގައި އިނގިރޭސިވިލާތުން 46555 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށްވެސް ވަނީ ރެކޯޑް ކޮށްފައެވެ.