ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމުގެ ގޮތުން އުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮތުމަށްފަހު މަރުހަލާތަކަކަށް ބަހާލައިގެން ލުއިދޭން ފަށާފައިވާއިރު، 3 ވަނަ މަރުހަލާގެ ދަށުން، ބިދޭސީ ޢުމްރާ ވެރިންނަށް ސައުދީ ހުޅުވާލައިފިއެވެ.

ބިދޭސީ ޢުމްރާވެރިންނަށް ސައުދީ ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ، މާތްވެގެންވާ މަސްޖިދު އަލް-ޙަރަމްއަށް ޒިޔާރަތް ކުރަން ފަށަފައެވެ. މި މަރުހަލާވެސް ކުރިއަށް ގެންދަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގައެވެ.

މަސްޖިދު އަލް-ޙަރަމްގައި ބޭނުން ކުރާ ވެހިކަލްތަކެއް ސާފު ކުރަނީ / ފޮޓޯ: ޙަރަމައިން ޝަރީފައިން | ޓްވިޓާ

ބިދޭސީ ޢުމްރާވެރިންނަށް ހާއްސަ ކޮށްގެން ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީއިން އާންމު ކޮށްފައިވާ ޕްރޮޓޮކޯލްތަކަށް ބަލާއިރު، ސައުދީއަށް ދަތުރު ކުރުމަށްފަހު ކޮންމެ ޢުމްރާވެރިއަކުވެސް 3 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ.

މި އުސޫލުން ސައުދީއަށް އެތެރެވެވޭނީ، ސައުދީއަށް ދަތުރު ފެށުމުގެ 72 ގަޑިއިރު ހަމަނުވާ، ނެގެޓިވް ޕީސީއާރް ޓެސްޓު ސެޓްފިކެޓެއް އޮވެގެން ކަމަށްވެސް ހަބަރު ލިބެއެވެ. އަދި އެ ސެޓްފިކެޓް ނުވަތަ ލިޔުން ދޫކޮށްފައި ވަނީ، އެ ގައުމެއްގައި އިތުބާރު ހިފޭ ލެބޯޓްރީއަކުން ކަމުގައިވެސް ވާންޖެހެއެވެ.

އިތުރު އުސޫލުތަކަށް ބަލާއިރު، އުމްރާގެ އަޅުކަން އަދާ ކުރުމަށާ، މާތްވެގެންވާ 2 ހަރަމްފުޅަށް ޒިޔާރަތްކޮށް އަޅުކަން ކުރުމަށް ދުރާލާ ދަފުތަރު ކުރަންޖެހެއެވެ. މިކަން ކުރުމަށް ހާއްސަ އެޕްލިކޭޝަނެއް އޮވެއެވެ. މީގެ އިތުރުން، ކޮންމެ އުމްރާވެރިއަކަށް ހުއްދަ ދެވިފައިވާ ޕްރޮގްރާމާއެކު، ސައުދީއިން ފުރުމަށް ފްލައިޓް ރިޒަވޭޝަންސްވެސް ކަށަވަރުކޮށްފައި އޮންނަންޖެހެއެވެ.

ބިދޭސީ ޢުމްރާވެރިންނަށް ސައުދީ ހުޅުވާލާފައި ވަނީ 1 ނޮވެމްބަރު، 2020 ވަނަ ދުވަހުގެ ރޭ މެންދަމު 00:00 ފެށިގެން / ފޮޓޯ: ޙަރަމައިން އިންފޯ | ޓްވިޓާ

އުމްރާގެ އަޅުކަމަށް އަންނަ ފަރާތްތަކާ ހަވާލުވެ، ކަންކަން ކުރިއަށް ގެންދިއުމަށް 700 އެއްހާ އުމްރާ ގުރޫޕުން ސައުދީގައި ހަރަކާތްތެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ގުރޫޕުތަކަށް އަންނަ އުމްރާވެރިންވެސް ވަކިވަކި ކުދި ގުރޫޕުތަކަށް ބަހާލުމަށް ވަނީ ލާޒިމުކޮށްފައެވެ. އެގޮތުން އެއް ޖަމާއަތުގައި 50 މީހުންނަށް ވުރެ އިތުރަށް ގުރޫޕު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިއަދު ހުޅުވާލި 3 ވަނަ މަރުހަލާގެ ދަށުން، ދުވާލަކު 20000 ޢުމްރާވެރިންނަށް މަސްޖިދު އަލް-ޙަރަމް ހުޅުވިގެންދާނެއެވެ. އަދި މަސްޖިދު އަލް-ޙަރަމްގައި ނަމާދުކޮށް، އަޅުކަން ކުރުމުގެ ފުރުސަތު، 60000 މީހުންނަށް އޮންނާނެއެވެ.

ރޭ މެންދަމު 00:00 ގައި ތަންފީޒު ކުރަން ފެށި 3 ވަނަ ވަނަ މަރުހަލާއަކީ ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޢުމްރާގެ އަޅުކަން މެދުކަނޑާލުމަށްފަހު ލުއި ދޭން ފެށި މަރުހަލާތަކުގެ ތެރެއިން މިވަގުތަށް ތަންފީޒު ކުރާނެ އެންމެ ފަހު މަރުހަލާއެވެ. 4 ވަނަ މަރުހަލާއަކީ ކޮވިޑް-19ގެ ބަލިމަޑުކަން މުޅިން ނިމުމަކަށް އައުމުން ތަންފީޒު ކުރަން ފަށާ މަރުހަލާއެކެވެ.