އިންޑިއާގެ ކޮޗިނާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފެށި ކާގޯ ފެރީގެ ހިދުމަތަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކުގެ ފާޑުވިދާޅުވުން އަމާޒުވުމުން، ފެރީގެ ހިދުމަތް ދިފާއު ކުރައްވާ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ނިހާނަށް ރައްދު ދެއްވައިފިއެވެ.

ކޮޗިން ފެރީއަށް ފާޑުކިއުން އަމާޒު ކުރައްވަމުން ނިހާން ވަނީ އެ ފެރީގެ ހަބަރެއް ނުފެންނަ ކަމަށް ވިދާޅުވެ، ފެރީގެ ހިދުމަތް ކުރިއަށް ނުދޭތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވަނީ ކޮޗިން ފެރީ "ޗޮކުން" ދިޔައީތޯ ވެސް ސުވާލު ކުރައްވާފައެވެ.

ޓްވިޓާގައި ކުރެއްވި މި ޕޯސްޓަށް ރައްދު ދެއްވަމުން އަމްރު ވިދާޅުވީ އިންޑިއާ ކާގޯ ފެރީ މިވަގުތު އޮތީ މާލެ ސަރަހައްދުގައި މުދާ ބޭލުމުގައި ކަމަށެވެ. އަދި އެނބުރި އިންޑިއާއަށް ދިއުމަށް ފަހު އަންނަ ނޮވެމްބަރު މަހު 12 ހިސާބުގައި ރާއްޖެ އަންނާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވެސް ވަނީ މަޖާޒީ ރާގަކުން ކޮޗިން ފެރީއިން ނިހާނު މުދާ ގެންނަން ބޭނުންވޭތޯ އައްސަވާފައެވެ.

ކޮޗިން ފެރީއިން ރާއްޖެއަށް ދަތުރު ފެށީ މިދިޔަ ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހެވެ. އެގޮތުން އެ ދުވަހު އިންޑިއާގެ ސޫތުކުޅިން ފުރައިގެން ކޮޗިނަށް ކައިރި ކުރުމަށް ފަހު އެމަހު 26 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ވަނީ ކައިރިކޮށްފައެވެ. މި ފެރީ ދަތުރު ކުރަން ހަމަޖެހިފައިވާ މަގަކީ ސޫތުކުޅި، ކޮޗިން، ކުޅުދުއްފުށި އަދި މާލެއެވެ.

މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. ކުޅުދުފުއްޓާއި އިންޑިއާއާ ދެމެދު ބާއްވާ އެ ކާގޯ ފެރީ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ މަހަކު ދެ ފަހަރެވެ. މި ފެރީއިން މުދާ އުފުލަން ފެށުމާއެކު، ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަނީ ތަކެތި އަގުހެޔޮކޮށް ގަނެވޭނެ މަގު ވަނީ ފަހިވެފައެވެ.

ރާއްޖެ-ކޮޗިން ފެރީއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނީ އިންޑިއާ ކޮޗިން ފެރީއަކީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދޭތެރޭ މިހާރުވެސް ކުރަމުން އަންނަ ގާތްގަނޑަކަށް 4 ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތް ތަކުން، ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގު، ހެޔޮ ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށާއި ކުރިއަށް އޮތް 5 އަހަރަށް ބެލިކަމުގައި ވިޔަސް، ލާމަރުކަޒީ ފުދުންތެރިކަން ބޮޑެތި އާބާދީތަކަށް ހޯދައިދިނުމަށްޓަކައި، އިގްތިސޯދު މިހާރަށް ވުރެ ބޮޑަށް ހުޅުވާލަން ޖެހޭ ކަމަށާއި، މިއީ، އެ މަންޒިލަށް ވާސިލުވުމަށް އެޅޭ ބިންގަލެއް ކަމަށެވެ.