ފަރަންސޭސިވިލާތުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ނީސްގައި ތޫނު އެއްޗަކުން ހަމަލާދީ 3 މީހަކު މަރާލި ހާދިސާއާ ގުޅިގެން، ޓެރަރިޒަމްގެ އަމަލު، އެންމެ ހަރުކަށީ އިބާރާތުން ކުށްވެރިކޮށް، އިސްލާމީ ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ސައުދީ އަރަބިއްޔާއިން ތެދުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއިން އާންމު ކޮށްފައި ވާ ބަޔާނުގައި ބުނެފައިވަނީ، ހައްދު ފަހަނަ އަޅާފައިވާ މިފަދަ އަމަލުތަކަކީ ސައުދީއިން އެއްވެސް އިރެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށާ، މިއީ އެއްވެސް ދީނެއްގައި އޮންނަ ކަމެއް ނޫން ކަމަށާ، މިއީ އިންސާނީ ބުއްދި ގަބޫލުކުރާ ހަމަތަކުންވެސް ބޭރު އަމަލެއް ކަމަށެވެ. ހަމަ އެހެންމެ ނަފުރަތާ، ހަމަނުޖެހުން އުފެއްދުމާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅު ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އެ ގައުމުން ބާރު އަޅާ ކަމަށް ވެސް ސައުދީގެ ބަޔާނުގައިވެއެވެ.

ސައުދީގެ އެންމެ އިސް، ދީނީ ގުރޫޕު ނުވަތަ ކައުންސިލް އޮފް ސީނިއާ ސްކޮލާޒް އިން ވެސް ވަނީ، ނީސްގައި ދިން ހަމަލާ ކުށްވެރިކޮށްފައެވެ. އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓެރަރިސްޓް ހަމަލާ އަމާޒުވީ ކޮންމެ ފަދަ މަސްދަރަކުން ކަމުގައި ވީ ނަމަވެސް، އެ އަމަލަކީ ކުށްވެރި ކުރެވެން ޖެހޭނެ އަމަލެއް ކަމަށެވެ. އެއް ބަޔަކު އަނެއް ބަޔަކު ބަލައިގަތުމަށް ވަކާލާތު ކުރުމަކީ ހޭ ޖެހޭ މީހުންގެ ގޮތް ކަމަށާ، މިއީ އިންސާނީ ކަރާމާތުގެ އަސާސް ކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ދީނީ އިލްމުވެރިން ވަނީ އިސްލާމް ދީނަކީ އިންސާނުންނަށް ހިމާޔަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭ ދީނެއް ކަމަށާ، އިސްލާމް ދީނަކީ އިންސާނާގެ ލޭގެ އަގު އިންތިހާއަށް އުފުލިގެންވާ ދީނެއް ކަން ވެސް ފާހަގަކުރައްވާފައެވެ.

ސައުދީ އަރަބިއްޔާގެ އިތުރުން އެކުވެރި އަރަބި އިމާރާތް، ބަހްރައިން، ކުވައިތު، ގަލްފް ކޯޕަރޭޝަން އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވަނީ ހަރުކަށި އިބާރާތުން ޓެރަރިޒަމް ކުށްވެރިކޮށް، ބަޔާންތައް އާންމު ކޮށްފައެވެ.