ކިރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ، މާތް ވެގެންވާ އިސްލާމް ދީނާއި ދެކޮޅަށް ފްރާންސުން ހިންގަމުން ގެންދާ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އިދިކޮޅު ކޯލިޝަން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފްރާންސްގެ މަޖައްލާއަކުން، ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ ޝާއިއުކޮށް އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ އަމަލުތައް ހިންގަމުން ގެންދާއިރު އެކަމަށް އެގައުމުގެ ސަރުކާރުން އަދި ވަކިން ހާއްސަކޮށް ފްރާންސްގެ ރައީސް ތާއީދު ކުރެއްވުމަކީ އެކަމަށް ހިތްވަރުދީ އިތުރަށް ހާލަތު ގޯސްކުރުމަށް މަސައްކަތް ކުރުން ކަމުގައި އެކޯލިޝަނުން ގަބޫލު ކުރާ ކަމަށެވެ.
އެހެންކަމުން އެގައުމުން މުސްލިމް އުންމަތާއި ދެކޮޅަށް ހިންގަމުން ގެންދާ އަމަލުތަކާއި ދެކޮޅަށް ތެދުވެ ބަސް ބުނުމަށް ދިވެހި ސަރުކާރަށް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
އެބަޔާނުގައި ބުނީ ފްރާންސްގެ މަޖައްލާއަކުން އިސްލާމް ދީނާއި ދެކޮޅަށް ބަސް ބުނެ ލިޔުންތައް ޝާއިއު ކޮށް ރަސޫލާ ސައްލަﷲ އަލައިހި ވަސަލަމަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ ޝާއިއުކޮށް ހަދަމުން ދާއިރު، އެފަދަ އަމަލުތައް ހިންގަމުން ގެންދާ ޖަމްއިއްޔާތައް ރާއްޖެގައިވެސް އިތުރުވަމުން ދާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި ރާއްޖޭގައި އެފަދަ އަމަލުތައް ހިނގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތުން އެޅުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
އޭގެ އިތުރުން ފްރާންސުން ހިންގަމުން ގެންދާ އަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުންވެސް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. ހަމައެއާއެކު އިސްލާމް ދީނާއި ދެކޮޅަށް ފްރާންސްއިން ހިންގަމުންގެންދާ އަމަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި އެކޯލިޝަންގެ ފަރާތުން ފުރިހަމައަށް ބައިވެރިވެ އެއްބާރުލުން ދޭނެކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.