ކުޅިވަރު ގާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބައެއް އިސްލާހުން ރާއްޖޭ ގިނަ ކުޅިވަރުތަކުން ސަސްޕެންޑު ކުރާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯ އާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ކުރިއަށް ދާ ކަމަށެވެ. އަދި އެސޯސިއޭޝަން ތަކުގެ އިންތިހާބުތައް ހިންގަނީ ޑިމޮކްރަޓިކް ކޮށް ކަމަށާއި އިންޓަނޭޝަނަލް ފެޑްރޭޝަންތަކުގެ ގަވައިދުތަކާ އެއް ގޮތަށް ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅި ބޭނުމެއްގެ ގޮތުގައި ހަސަން ލަތީފް ފާހަގަ ކުރައްވާފައިވަނީ ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށޫ އެރުންތައް ނައްތާލުމާއި، އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.

އޭގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމާއި، އެފަދަ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަކުޑަވާނެ އުސޫލެއް ގާއިމު ކުރުމެވެ.

ހަމައެހެންމެ ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާ ބުތަކެއްކަމުގައި ހެދުމާ ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާ ބާރުތައް ކަނޑައެޅުމަކީވެސް ބިލުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ކަމަށް މެމްބަރު ހަސަން ލަތީފް ފާހަގަކުރައްވާފައެވެ.